ވިޔަފާރި

އައިޖީއެމްއެޗްގައި ހިންގާ އެސްޓީއޯ ބޭސް ފިހާރަ ބޮޑުކުރަނީ


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އޯ.އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހިންގާ ބޭސް ފިހާރަ ދެ ބުރިއަށް އިމާރަތްކޮށް، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ނިންމަވައިފިއެވެ. މީގެ އިތުރުން، އެސް.ޓީ.އޯ.ގެ އިތުރު ބޭސް ފިހާރައެއް މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވިއެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އޯ.ގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުންނަ އެސް.ޓީ.އޯ. ބޭސް ފިހާރައަކީ އެންމެ ގިނަ އަދަދަކަށް ކަސްޓަމަރުން ޚިދުމަތް ލިބި ގަންނަ އެ ކުންފުނީގެ ބޭސް ފިހާރަކަމަށާއި، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެ ތަނުގެ ވެއިޓިންގް އޭރިއާ މިހާރަށް ވުރެ ރަގަޅުކޮށް މި އަހަރު ތެރޭގައި އެތަން ދެ ބުރިއަށް އިމާރަތްކުރުމަށް ހަމަޖައްސަވާފައިވާކަމަށެވެ.  ޝަހީރު ވިދާޅުވީ މާލޭގައި އެސް.ޓީ.އޯ.ގެ އެންމެ ފާމަސީއެއް ހުންނާތީ ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިވާކަމަށާއި، އެ ކަމަށް ޙައްލެއް ހޯދައިދިނުމަށް މި އަހަރުގެ ތެރޭގައި އެސް.ޓީ.އޯ.ގެ އިތުރު ބޭސް ފިހާރައެއް ހެންވޭރުގައި ހުޅުވުމަށް ނިންމަވާފައިވާކަމަށެވެ. މި ބޭސް ފިހާރަ ހުންނާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެހިގެން ހުންނަ އިމާރާތުގައިކަމަށާއި، އެ ތަނުން މާޗްމަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެކަމަށް ޝަހީރު ވިދާޅުވިއެވެ.ޝަހީރު ވިދާޅުވީ މިހާރު އެސް.ޓީ.އޯ.ގެ ބޭސް ފިހާރަތަކުން ވިއްކާ ބޭސްތަކަކީ ފެންވަރު ރަނގަޅު ބޭސްތަކަކަށް ހެދުމަށްޓަކައި ބޭރުގެ ވަރަށް ގިނަ ކުންފުނިތަކާއި މަޝްވަރާ ކޮށްފައިވާކަމަށާއި، މިހާރު ދިހަ ކުންފުންޔަކާއި އެކު ޑިސްޓްރިބިއުޝަން އެގްރިމެންޓްތަކުގައި ސޮއި ކުރައްވާފައިވާކަމަށެވެ. މީގެ އިތުރުން އެސް.ޓީ.އޯ.ގެ ބޭސްފިހާރަތަކުގެ ހިންގުން ރަގަޅު ކުރުމަށްޓަކައި އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ ސްޓޭންޑަައިޒޭޝަން، އައި.އެސް.އޯ. މިންގަނޑަށް އެކުންފުނީގެ ބޭސް ފިހާރަތަކުގެ ހިންގުން ބައްޓަން ކޮށްފައިވާކަމަށްެވެސް ޝަހީރު ވިދާޅުވިއެވެ.މިދިޔަ އަހަރުގެ ތެރޭގައި އެސް.ޓީ.އޯ.އިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދައިގެ ޙިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރަ ޤާއިމްކޮށްފައެވެ.