ޚަބަރު

ޤުރުއާން ކޯސްތަކުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ ފެންވަރު ކަނޑައަޅައިފި


ކޮލެޖް ޔުނިވަރސިޓީތަކުގައި ކުރިއަށް ގެންދާ ކީރިތި ޤުރުއާންގެ ކޯސްތައް ނުވަތަ ޕްރޮގްރާމްތަކުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކުލަވާލައިފިއެވެ.

މި މިންގަނޑު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީއެވެ.

ކީރިތި ޤުރުއާންގެ ޕްރޮގްރާމްތަކުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ ފެންވަރު ކަނޑައަޅާފައިވަނީ ކިޔައިދިނުމުގެ ފެންވަރާ މެދު އާންމުންނާއި ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ދަރިވަރުންގެ މެދުގައި އޮންނަ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުޑަކުރުމަށްކަމަށެވެ. އަދި މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތްކުރުމާއި މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރުމުގެ އިތުރަށް ފެންވަރު ރަނގަޅު މުދައްރިސުން ތަމްރީން ކުރުމުގެ ބޭނުމުގައެވެ.

ގުރުއާނުގެ ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ބަލާނީ ގާރީ، ގިރާއަތު ކޯހާއި ގުރުއާން ޓީޗިން ކޯސް އަދި އިމާމް ކޯހެވެ. މި މިނިމަން ސްޓޭންޑަޑް 6 ބަޔަކަށް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކޯ-މޮޑިއުލްތަކާއި ކޯ-މޮޑިއުލްތަކުގެ މުގައްރަރާއި މުއްދަތާއި ކްރެޑިޓް ޕޮއިންޓް ދޭނެ އަދަދާއި ޓީޗަރުންގެ ޝަރުތުތަކާއި އަދި ޕްރޮގްރާމްތަކަށް ވަދެވޭނެ ޝަރުތުތަކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހމް ޙަސަން ވިދާޅުވީ މި ސަރުކާރުން އިސްލާމްދީނަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ނުގެންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރިނަމަވެސް މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު އަބަދުވެސް ޙިމާޔަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވަނީ މިއަދު ލޯންޗް ކުރި ސްޓޭންޑަޑް ގެ ސަބަބުން މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް ދިމާވާ ގޮންޖެހުންތަކާއި، ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތަކަށް ލުޔެއް ލިބިގެންދާކަން ފާހަގަކުރައްވާފައެވެ.

އެމްކިޔުއޭއިން ވިދަޅުވީ ގުރުއާނުގެ އިލްމުގެ ދާއިރާއިން ދެން އަލަށް ފަށާ ކޯސްތަކުގެ ބެޗުތަކާއި އަލަށް ހުއްދަ ހޯދަން އެ އޮތޯރިޓީ އަށް ހުށަހަޅާ ކޯސްތައް ހުންނަން ވާނީ މި ސްޓޭންޑަޑަށް ފެތޭ ގޮތަށް ކަމަށެވެ. ނަމަވެސް، މިހާރު ފަށައިގެން ކުރިއަށް ގެންދާ ބެޗުތައް ކުރިން ވެސް އޮތް ގޮތަށް ކުރިއަށް ގެންދެވޭނެއެވެ.ނަމަވެސް އެ ބެޗުތަކަށް ވެސް މި ސްޓޭންޑާޑަށް ފައްތައިގެން ކޯސް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ވަނީ ދީފައެވެ.