ޚަބަރު

ދަ ގްރާންޑޭ ބަލިކޮށް ޓީސީއަށް ދެވަނަ މޮޅު


ޕްރެޒިޑެންޓްސް ކަޕްގައި ދަ ގްރާންޑޭ ބަލިކޮށް، ޓީސީން މިމުބާރާތުގައި އެޓީމުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރި މެޗް ޓީސީ ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. މިމުބާރާތުގައި ޓީސީން އެޓީމްގެ ފުރަތަމަ މޮޅު ހޯދާފައިވަނީ އީގަލްސް ބަލިކޮށްގެންނެވެ. އެމެޗް ޓީސީ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗުން ހޯދި މޮޅާއެކު ޓީސީވަނީ ޕްރެޒިޑެންޓްސް ކަޕް ލީގް ބުރުގައި 6 މެޗުން 6 ޕޮއިންޓް ހޯދާފައެވެ.

މެޗް ފަށައިގެން އެންމެ ފުރަތަމަ ގޯލް ޖަހަން ފުރުސަތު ލިބުނީ ދަ ގްރާންޑޭއަށެވެ. މެޗް ފަށައިގެން 30 ސިކުންތުވެސް ނުވަނީސް، ދަ ގްރާންޑޭގެ ފޯވާޑް އިސްމާއިލް ނަޒީހަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. އަދި އޭގެ ފަހުންވެސް މެޗްގެ 11ވަނަ މިނެޓްގައި ދަ ގްރާންޑޭގެ ޖަޒްލާން އާދަމް ފޮނުވާލި ބޯޅަވަނީ ޓީސީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ދަ ގްރާންޑޭއިން ގޯލް ޖެހުމަށް ދެ ފުރުސަތެއް ތަނަވަސް ކުރިފަހުން ޓީސީއިންވަނީ ކުޅުން ރަގަނޅުކޮށް ދަ ގްރާންޑޭގެ ގޯލްއަށް ނުރައްކާ ކުރަން ފަށާފައެވެ. މެޗްގައި ގޯލެއްޖަހައި އެންމެ ފުރަތަމަ ލީޑް ނެގީ ޓީސީންނެވެ. މެޗްގެ 14ވަނަ މިނެޓްގައި މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު ދާނިޝް އިބްރާހީމެވެ. ފަސް މިނެޓް ފަހުން ޓީސީންވަނީ އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އަހުނަފް މުހައްމަދެވެ.

ޓީސީއިން ދެ ގޯލް ޖެހިފަހުން ދަ ގްރާންޑޭއިންވަނީ އެޓީމްގެ ކުޅުން ރަގަނޅު ގޯލްއެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. ދަ ގްރާންޑޭގެ ސާބިއާގެ ޑިފެންޑަރު މާކޯ އިވަނޮވިޗް ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން، މެޗްގެ 41ވަނަ މިނެޓްގައި ޓީސީއިންވަނީ އެޓީމްއަށް ލިބިފައިވާ ލީޑް އަނެއްކާވެސް ފުޅާކޮށްފައެވެ. މިފަހަރުގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރެވެ.

މެޗްގެ ދެވަނަ ހާފް ފެށިތާ ދެ މިނެޓްގެ ތެރޭގައި ދަ ގްރާންޑޭއިންވަނީ ލަނޑެއް ޖަހާފައެވެ. މިލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ މުސްރިފު މުސާއެވެ. އަދި މެޗްގެ 61ވަނަ މިނެޓްގައި ދަ ގްރާންޑޭއަށް ލަނޑެއް ޖެހުމަށް އިތުރު ފުރުސަތެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް މުސްރިފުއަށް ލިބުނު ފުރުސަތުގެ ބޭނުން މިފަހަރު އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ހާފްގައި ޓީސީއަށް ގޯލް ޖެހުމަށް މާރަނޅު ފުރުސަތެއް ލިބިގެން ނުދިޔަނަމަވެސް، އެޓީމްއިންވަނީ ދަ ގްރާންޑޭއިން ގޯލް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓުވާފައެވެ.