ޚަބަރު

އޮގަސްޓުގެ ކުރިން މާލެއިން ފޭސްޓޫއަށް ބަސް ދަތުރުފެށޭނެ: އާޒިމް


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފަސޭހަ ދަތުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަހަރުގެ އޮގަސްޓުމަހުގެ ކުރިން މާލެއިން، ފޭސްޓޫއަށް ސީދާ ދަތުރު ފެށޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ބަހުގެ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން 2 ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށެވެ. އެމްޓީސީސީގެ އަމާޒަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް އިތުރު ބަސްތަކެއް ގެނައުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު ހުރި ބަހުގެ އަދަދާއި، ފެންވަރަށް ބަލާއިރު، ޒަމާނީ ބަސްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރު މަސައްކަތް ކުރެވެމުންދާ ގޮތުން ރާއްޖެއިން ބޭރުން ބަސްތައް މިއަހަރުގެ އޮގަސްޓުގެ ކުރިން ގެނެވި، މާލެއިން ސީދާ ފޭސްޓޫ އަށް ދަތުރު ފެށޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ބަހުގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތާއިއެކު ދެކުނުގެ ރަށްތަކުގައި އެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން ލ.އަތޮޅުގައި މިހާރު ބޭނުން ކުރަމުންދާ ބަސްތައް ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވުމުން މިސަރަހައްދު ތަކަށްވެސް މުޅިން އާ ބަސްތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

"މިރަށްތަކަށް ބޭނުންވާ ބަސްތައްވެސް އޮގަސްޓުގެ ތެރޭގައި ގެނެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ރައީސްގެ ވަޢުދާއި އެއްގޮތަށް، އާބަސްތަކެއް ގެނެވި ބަހުގެ ޓްރާސްޕޯޓް ނިޒާމެއް ރައްޔިތުން އެދޭފަދަ މިސްރާބަކަށް ބަދަލުކުރުން. މިއަހަރުގެ ތެރޭގައި މިބަދަލު ފެނި ރައްޔިތުންނަށް ދޭ ޚިދުމަތް އިތުރަށް ފުޅާވާނެ." އާޒިމް ވިދާޅުވިއެވެ.

ފުރިހަމަ ބަހުގެ ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް އެމްޓީސީސީން ކުރަމުންދާއިރު، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ މިއަހަރު އެންމެ އިސްކަމެއްދީގެން އެމްޓީސީސީން ކުރަމުންދާ މަސައްކަތެވެ. އެމްޓީސީސީން ގެންދަނީ އެއްގަމު ޓްރާސްޕޯޓުގެ އިތުރުން ކަނޑުގެ ދަތުރުތަކަށްވެސް އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ހައިސްޕީޑު ފެރީގެ ޚިދުމަތް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.