ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވޭ!


އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅޭނެ ގޮތަށް، އިލެކްޝަންސް ކޮމިޝަނުގައި ކޮމްޕްލެއިންސް ބިއުރޯއެއްވަނީ ގާއިމްކޮށްފައެވެ. އަދި ކޮމަންޑޫ ދާއިރާގެ ތިން ރަށުން ޝަކުވާ ހުށަހަޅަން އޮތްނަމަ އެރަށަކުން ޝަކުވާ ހުށަހެޅޭނެ ފޯކަލް ޕޮއިންޓްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ޝަކުވާއެއް ކޮމިޝަނަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް އެކި ބޭފުޅުންގެ ފަރާތުން އަޑުއިވޭ ވާހަތަކާއި، ދެކެވޭ ވާހަކަތަކަށް ބަލައި ކޮމިޝަނުން އެދާއިރާގެ ކަންކަން ވަރަށް ކައިރިން ބަލަމުންދާކަމަށެވެ.

އިންތިޚާބުގެ ތައްޔާރީތައް ކޮމިޝަނުން ވަމުންދާއިރު މިއިންތިޚާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް ރީ-ރަޖިސްޓްރީ ވުމަށް ބުރާސްފަތި ދުވަހު ހުޅުވާލާނެއެވެ. އިލެކްޝަނުން ކަނޑައަޅާފައިވަނީ ރީ-ރަޖިސްޓްރީ ވުމަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން މަރުވެފައިވާ 6 މީހެއްގެ ނަން އޮތްކަމުގެ ޝަކުވާ ލިބި، ލިސްޓުން އެނަންތަން މިހާރު ވަނީ އުނިކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ޕީއެސްއެމުން ބާއްވާ ބަހުސް އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.