ދުނިޔޭގެ ވިޔަފާރި

ވަޒީފާގެ ބާޒާރު ކުރިން އޮތް ހާލަތަށް ދާނީ 2023ގައި: އައިއެލްއޯ


ދުނިޔޭގައި ވަޒީފާ ނެތް މީހުންގެ އަދަދު މިއަހަރު ހުންނާނީ ގާތްގަނޑަކަށް 207 މިލިއަންގައި ކަމަށް އައިއެލްއޯއިން ލަފާކޮށްފިއެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން، އައިއެލްއޯއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ވަޒީފާ ނެތް މީހުންގެ ނިސްބަތް އަދިވެސް ހުރީ ޕެންޑަމިކްގެ ކުރިން ހުރި އަދަދަށްވުރެ އެތައް ގުނައެއް މަތީގައި ކަމަށެވެ. އެގޮތުން 2019ވަނަ އަހަރު މި އަދަދު ހުރީ 186 މިލިއަންގައި ކަމަށް އައިއެލްއޯއިން ހާމަކުރެއެވެ.

ވަޒީފާ ނެތް މީހުންގެ އަދަދު މިއަހަރު 207 މިލިއަންގައި ހުރި ނަމަވެސް، މި އަދަދަކީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދަށް އަދަދެކެވެ. ދުނިޔޭގައި ވަޒީފާނެތް މީހުންގެ ނިސްބަތް މިއަހަރު 5.9 އިންސައްތައަށް އަރާނެ ކަމަށް އައިއެލްއޯއިން ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 6.2 އިންސައްތައިގައެވެ. އަދި 2020ވަނަ އަހަރު މި އަދަދުހުރީ 6.6 އިންސައްތައިގައެވެ. ކޯވިޑުގެ ކުރިން 2019ވަނަ އަހަރު ދުނިޔޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތްހުރީ 5.4 އިންސައްތައިގައެވެ.

އައިއެލްއޯއިން ހާމަކުރާގޮތުގައި ވަޒީފާއަށް ދާ މީހުންގެ އަދަދު ކުރިން ހުރި މިންވަރަށް އިތުރުވާނީ ގާތްގަނޑަކަށް 2023 ހިސާބުއެވެ.

އައިިއެލްއޯގެ ރިޕޯޓުގައި ބުނެފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިސާދަށް ކޯވިޑާއި ގުޅިގެން ކޮށްފައިވާ އަސަރުތައް ބޮޑުކަމަށެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކާއި އެއް ހަމައެއްގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިސާދުތައް ކޯވިޑުން އަރައިނުގަނެވޭކަމަށެވެ. އެގޮތުން ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުގެ އިޤްތިސާދުތައް ބާރު ދުވެއްޔެއްގައި އާރާސްތުވަމުން ދާއިރު، ދެކުނު އިރުމަތީ އޭޝިއާއާއި ލެޓިން އެމެރިކާ އާއި ކެރީބިއަންގެ ޤައުމުތަކުގެ ވަޒީފާގެ ބާޒާރާއި، އިޤްތިސާދު އާރާސްތުވަމުން ދަނީ މަޑު ދުވެއްޔެއްގައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.