ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ވަޒީފާ ނެތް މީހުންނަށްދޭ އެލަވަންސަށް އެދޭ މީހުންގެ އަދަދު އިތުރުވެއްޖެ


އޮމިކްރޯންއާއެކު، އެމެރިކާގައި ވަޒީފާ ނެތް މީހުންނަށްދޭ އެލަވަންސަށް އެދޭ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސްއިން ހާމަކުރާ ގޮތުގައި މިދިޔަ ހަފްތާތެރޭ 286000 ފަރާތަކުން ވަނީ ވަޒީފާ ނެތް މީހުންނަށްދޭ އެލަވަންސަށް އެދި ހުށަހަޅާފައިކަމަށެވެ. މި އަދަދު އޭގެ ކުރީ ހަފްތާގައި ހުރީ 55000ގައެވެ.

ވަޒީފާ ނެތް މީހުންގެ ނިސްބަތް އެމެރިކާގައި އިތުރުވެފައި މިވަނީ އޮމިކްރޯނާއެކު ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ވަޒީފާއިން ކަނޑާލާ މީހުންގެ އަދަދު އިތުރުވުމާއި، އަހަރުގެ ފަހުކޮޅު އުފުދުނު ވަގުތީ ވަޒީފާތައް އުވިގެން ދިޔުމާއެކު ކަމަށް ބިއުރޯ އޮފް ލޭބާރއިން ހާމަކުރެއެވެ.

އެމެރިކާގައި ވަޒީފާ ނެތް މީހުންނަށް ދޭ އެލަވަންސް މިހާރު 1.6 މިލިއަން މީހުންނަށް ދަނީ ދެމުންނެވެ. މިއީ އޭގެ ކުރީ ހަފްތާ އާއި އަޅާބަލާއިރު، 84000 މީހުންގެ އިތުރުވުމެކެވެ. އެމެރިކާގައި ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާއިރު، ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ވަޒީފާއަށް ސަލާން ބުނަމުންނެވެ. މިއާއެކު އިޤްތިސާދީގޮތުން ދަނީ އަސަރުތަކެއް ކުރަމުންނެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސްއިން މީގެކުރިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު އެމެރިކާގެ ކުންފުނިތަކުން ވަނީ، އެޤައުމުގެ ވަޒީފާގެ ބާޒާރަށް 199000 ވަޒީފާ އިތުރުކޮށްފައެވެ. މިއީ ލަފާކުރި ޢަދަދަށްވުރެ ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ. ބިއުރޯ އޮފް ސްޓެޓިސްޓިކުން ކުރިއަށް ގެންދިޔަ ސަރވޭއަކުން ދައްކާގޮތުގައި މިދިޔަ މަހު 651000 މީހުން ވަނީ ވަޒީފާއެއް ލިބި މަސައްކަތަށް ނިކުންނަން ފަށާފައެވެ.

ވަޒީފާ ނެތް މީހުންގެ ތަފާސް ހިސާބުތަކުން ވަޒީފާއަށް މީހުން ހޮވުމުގައި ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭކަން ހާމަވާކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކުން ހާމަކުރެއެވެ. އެގޮތުން ކަޅު ނަސްލުގެ އަންހެނުންގެ މެދުގައި ވަޒީފާ ހޯދުމުގައި ދަތިކަން ހުރިކަން ފާހަގަކުރެވޭކަމަށް އެ ބިއުރޯއިން ހާމަކުރެއެވެ.

މިދިޔަ ނޮވެމްބަރުމަހު އެމެރިކާގައިވަނީ ރެކޯޑް އަދަދަކަށް މީހުން އަމިއްލައަށް ވަޒީފާއިން ކެނޑިފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ނޮވެމްބަރުމަހު 4.5 މިލިއަން އަމިއްލައަށް ވަޒީފާ ދޫކޮށްލާފައިވެއެވެ.