ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔަރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 103226 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 70614 ފަތުރުވެރިންނާއި އަޅާ ބަލާއިރު، %46 އިތުރު ޢަދަދެކެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 6213 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް އައިސްފައިވަނީ 2769 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %18.9އަކީ ރަޝިއާ ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ނިމުނުއިރު ރަޝިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެކެވެ. އޭރު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިންނެވެ.

މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %8 ޙިއްސާއާއެކު، އިންޑިއާއަކީ ރާއްޖެއަށް 4ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ އިނގިރޭސިވިލާތުންނެވެ. ރާއްޖެއަށް އައިސްފައިވާ ޖުމުލަ ފަތުރުވެރިންގެ %9.5 ހިއްސާއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4301 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ޢާއްމުގޮތެއްގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.