ޚަބަރު

ރިސޯޓުތަކުގެ 97.5 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި


ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %97.5 މުވައްޒަފުން ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ނެރޭ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %97.5 މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި %99.5 މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ އަދަދު މީގެކުރިން ހުރީ %95 ގައެވެ.
ކޯވިޑުގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 6.5 އިންސައްތަ މުވައްޒަފުންވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެގާތުން މަސައްކަތްކުރާ މީހުންނަށް ވާތީ ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް މިސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށިތާ 3 ދުވަސްތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ.

ރާއްޖޭގައި މުޅި ޖުމްލަ 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. މި 152 ރިސޯޓްގައި މުޅި ޖުމްލަ 41431 އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ.

ރާއްޖެއަކީ ކޯވިޑްގެ ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި މިދިޔައަހަރުގެ އޭޕްރިލްމަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ" ފުލީ ވެކްސިނޭޓެޑް ޓޫރިޒަމް"އެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.