ޚަބަރު

ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައިވާ ތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި


ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައިހުރި ކަމަށް ބެލެވޭ ތަކެއްޗާއެކު 6 މީހަކު ހުޅުމާލެ ފޭސް ދޭކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕޮލިހުން މިއަދު ހެނދުނު ހުޅުމާލެ ފޭސް ދޭއް ޕެޓްރޯލް ކުރަމުންދިޔައިރު ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައެވެ. ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ތިޖޫރީއާއި އެ ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. އަދި އެ މީހުންނާ ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އަތުލައިގަތް ތަކެތީގެ ތެރޭގައި 18 މޯބައިލް ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި، 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެޕާޓްމަންޓުން ފެނިފައިވެއެވެ. މި ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ތަކެތި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މައްސަލައާ ގުޅިގެން 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.