ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގައި ގިނަ ފްލައިޓުތަކެއް ކެންސަލްކޮށްފި


ފިނި މޫސުމާ ދިމާކޮށް އެމެރިކާ ސަރަޙައްދަށް ކުރިމަތިވާ ބާރުގަދަ ޠޫފާން "ނޯރއީސްޓަރ"ގެ އަސަރު ކުރާނެކަމަށް ބަލައި، މިދިޔަ ހަފްތާ ބަންދުގައި ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.

ބާރުގަދަ ވަޔާއެކު ބޯކޮށް ސްނޯ ވެހޭ މި ޠޫފާނުގެ އަސަރު އެމެރިކާ ސަރަޙައްދުތަކަށް މިހާރު ކުރަމުންދާއިރު، ފާއިތުވި ހަފްތާ ބަންދުގައިވެސް ޠޫފާނުގެ އަސަރު ކުރާނެކަމަށް އެމެރިކާގެ މޫސުމާބެހޭ ޤައުމީ އިދާރާއިން އޮތީ ލަފާކޮށްފައެވެ. އެގޮތުން ޠޫފާނުގެ އަސަރު ކުރާ ވަގުތުތަކުގައި ވައިގެ ދަތުރުތައް ކުރުން އެއްގޮތަކަށްވެސް ރައްކާތެރި ނުވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނުމާގުޅިގެން ހަފްތާ ބަންދުގައި އެމެރިކާގެ 4900 ފްލައިޓު ކެންސަލްކޮށްފައިވާކަމަށް، ފްލައިޓް ޓްރެކިން ސާރވިސްތަކުން ދައްކައެވެ.

ވައިގެ އުދުހުންތަކުގެ ޓްރެކިން ސަރވިސްއެއް ކަމަށްވާ "ފްލައިޓްއެވެއަރ" ގެ ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހަށް ތާވަލުކޮށްފައިވާ ޔުނައިޓެޑް އެއަރލައިނުގެ 21 އިންސައްތަ ދަތުރުތައް ކެންސަލްކޮށްފައިވެއެވެ.

ޑެލްޓަރ އެއަރލައިނުން އެމެރިކާގެ 2 އެއަރޕޯޓަކަށް ދަތުރުކުރުން ހަފްތާ ބަންދުގައި މެދުކަނޑާލާފައިވާއިރު، 1290 ފްލައިޓް ކެންސަލްކޮށްފައިވެއެވެ. އެމެރިކަން އެއަރލައިނުން 1160 ފްލައިޓް ކެންސަލްކޮށްފައިވެއެވެ.

ދަތުރުތައް އަލުން ފެށޭނީ މޫސުން ރަނގަޅުވާ މިންވަރަށް ބެލުމަށްފަހު ކަމަށް އެއެއަރލައިންތަކުން ބުނެއެވެ. އަދި ކެންސަލްކުރި ފްލައިޓްތަކުން ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުންނަށް އިތުރު ޚަރަދަކާނުލައި އެހެން ފްލައިޓްތަކުން ޖާގަދޭނެކަމަށް މި އެއަރލައިންތަކުން ބުނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުތައް ކެންސަލް ކުރަންޖެހުމަކީ، ކޯވިޑް-19ގެ ސަބަބުން އެއަރލައިންތަކަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ދިމާވި އިތުރު ހުރަހެއް ކަމަށް އެއަރލައިންތަކުން ބުނެއެވެ.

ސައުތް ވެސްޓް އެއަރލައިނުން ބުނީ، މަސައްކަތްތެރިންގެ ތެރެއިން 5000 އެއްހާ މުވައްޒަފުން ކޯވިޑް-19އަށް ފައްސިވުމާ ގުޅިގެން މުވައްޒަފުން މަދުވުމާއި، އަދި "ނޯރއީސްޓަރ" ޠޫފާނުގެ ސަބަބުން މިއަހަރުގެ މިހާތަނަށް 5600 ފްލައިޓް ކެންސަލްކުރަން ޖެހިފައިވާކަމަށެވެ. މިކަމުން އެ އެއަރލައިނަށް ލިބުނު ގެއްލުމުގެ ޢަދަދު 50މިލިއަން ޑޮލަރަށް އަރާނެކަމަށް ބެލެވެއެވެ.

"ނޯރއީސްޓަރ" ޠޫފާން އެމެރިކާގެ އެކިހިސާބަށް ފަތުރެމުންދާތީ ކުރިއަށްއޮތް ހަފްތާތެރޭގައިވެސް ފްލައިޓްތައް ކެންސަލްކުރަން ޖެހިދާނެކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.