ށ.ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ހަދަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކޮށްފިއެވެ.
މިކަމާގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ކޮމަންޑޫގައި ތަރައްޤީކުރާ އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލް ކަމާއި، 50 ޓަނުގެ އައިސް ރައްކާކުރެވޭވަރުގެ އައިސްޕްލާންޓެއް ކަމަށެވެ. ކޮމަންޑޫ އައިސްޕްލާންޓު ހެދުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާ ޙަވާލުކޮށްފައިވަނީ 6 މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.
މިއީ ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓުތަށް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ. އެގޮތުން އިތުރު 13 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.