ޚަބަރު

ލަމްހާއާއި މާވިންގެ ނަރުސްކަމުގެ ލައިސަންސް ބާޠިލްކޮށްފި


އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް، މޭރީ ގްރޭސް މަރާލުމުގެ ދައުވާލިބޭ، މާވިންއާއި ޙަލީމަތު ލަމްހާގެ ނަރުސްކަމުގެ ހުއްދަ، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބާޠިލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ލަމްހާއާއި މާވިންގެ ހުއްދަ ބާޠިލްކުރީ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އެ ދެމީހުންގެ މައްޗަށް މިމަހުގެ ހަތަރުވަނަ ދުވަހު ދައުވާކޮށްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މަޢުލޫމާތު ޙިއްސާކުރުމުން ކަމަށެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއާއި އޭނާ ލޯބިވެރިޔާ ޅ.ހިންނަވަރު މާފިނި، ޙަލީމަތު ލަމްހާ ޢަބްދުއްރަޙްމާންގެ މައްޗަށް އުފުލި ދައުވާގެ ޝަރީޢަތް މިމަހުގެ 20ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މޭރީ މަރާލިކަމުގެ ކުށް މާވިންއަށް ސާބިތުވެއްޖެނަމަ، އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ލަމްހާގެ މައްޗަށް 6އަހަރާއި 4މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރުވި ފިލިޕީންސް އަންހެންމީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި، އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އެންމެ ބޮޑަށް ޝަކުކުރެވެނީވެސް މޭރީގެ ފިރިމީހާއަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައި ވާގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ.