ޚަބަރު

ޑިޓެންޝަން ސެންޓަރާއެކު ކުށްކުރާ ކުދިންގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބޭނެ: އިމްރާން


މިއަދު ޤާއިމް ކުރެވިގެންދިޔަ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއިއެކު ކުށްކުރާ ކުދިންގެ މައްސަލަތައް ހައްލު ކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު މިއަދު ކ.ހިންމަފުށީ އައްސޭރި ޖަލުގައި ވަނީ ޤާއިމުކޮށްފައެވެ. މިސެންޓަރަކީ ޤާނޫނުގައި ބުނާ އުސޫލުތަކުގެ މަތީން އެސެންޓަރުން ލިބެންޖެހޭ އެންމެހައި ކަންކަން ލިބޭގޮތަށް ޤާއިމްކޮށްފައިވާ ސެންޓަރެކެވެ.

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހުޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، މިސަރުކާރުން ކުޑަކުދިން ކުރާ ކުށްތަކަށް ހައްލު ގެނައުމަކީ ވަރަށް އިސްކަންދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. މިއަދު ޤާއިމް ކުރެވިގެންދިޔަ ސެންޓަރާއިއެކު މިކަމަށް ބޮޑު ހައްލެއް ލިބި ކުށްކުރާ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދެވި އަލުން މުޖުތަމައަށް ނެރުމަކީ މިސެންޓަރުގެ އެންމެބޮޑު އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކުށްކުރާ ކުދަކުދިން ކުށުގެ ވެށިން ދުރުކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އަދި ކުށްކުރާ ކުދިންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަމާޒަކީ ކުށުގެ ވެށިން ކުދިން ދުރުކުރުވުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުށްކުރާ ކުދިން ކުށުގެ ވެށިން ދުރުކުރުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމަސައްކަތް ކުރަން ތަމްރީނުކުރެވިފައިވާ މުވައްޒަފުން ރާއްޖޭގައި ނެތުންކަމަށާ، ނަމަވެސް މިސެންޓަރުގައި މިހާރު ތަމްރީން ލިބިފައިވާ މުވައްޒަފުން ތިބޭނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިސެންޓަރު ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މިއީ ވަރަށް ބޮޑު މަސައްކަތެއްގެ ފެށުންކަމަށެވެ. މީގެ ސަބަބުން ކުށްކުރެވޭ ކުދިންނަށް އެކަމުން އަރައިގަނެ އަލުން މުޖުތަމަށް ނިކުމެ ޒިންމާދާރު މުޖުތަމައެއް ބިނާކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ކުށްކުރާ ކުދިންނަކީ މުޖުތަމައަށް ނިކުމެ އަލުން ޚިދުމަށްކުރެވޭ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ އެންމެބޮޑު ބޭނުމަކީވެސް މުޖުތަމައުގައި ތިބި މިފަދަ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭ އެހީތެރިކަން ފޯރުކޮށް، އަމާން މުޖުތަމައެއް ޤާއިމްކުރުމެވެ. އަދި ރާއްޖޭގެ މުސްތަގުބަލު ގުޅިފައިވަނީ މިއަދުގެ ކުޑަކުދިންނަށް ކަމަށްވާއިރު، ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާފައިވެއެވެ.