ޚަބަރު

ރިޔާސީ ބަޔާނުން ރައްޔިތުންނަށް އުންމީދާއި އިތުބާރު ލިބިއްޖެ: އެމްއާރުއެމް


ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުން ރައްޔިތުންނަށް އުންމީދާއި، އިތުބާރު ލިބިގެން ގޮސްފައިވާކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް، އެމްއާރުއެމްއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ތަޢުރީފް ކުރައްވައި އެމްއާރުއެމްއިން ބުނެފައިވަނީ ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ގިނަ ކަންކަމަކީ، ގިނަގުނަ ގޮންޖެހުންތަކާއި އެކުވެސް މި ސަރުކާރު އުފެއްދުމަށް އުފެދުނު ކޯލިޝަނުން އިސްލާޙަށް ކަނޑައެޅި އަމާޒުތައް ޙާޞިލްވަމުންދާކަމުގެ ޔަޤީންކަން އާވެގެންދިޔަ ކަންތައްތަކެއްކަމަށެވެ. އެގޮތުން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ ދިވެހި ރައްޔިތުން ފަޚުރުވެރިކަމާއިއެކު ބަލައިގަންނަ ކަމެއްކަމަށް އެމްއާރުއެމްއިން ބުންޏެވެ. އަދި ހަމަމިއާއެކު އިސްލާމީ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމަށް މިހާރުވެސް ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތްތާނގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއިރު، އެއީ ދީނީ ސައްޙަ މަޢުލޫމާތު ނޭނގުމުގެ ސަބަބުން މިހާރު ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި، އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނައަޅައިދިއުމުގެ ފިކުރުތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަމަށްވެސް އެމްއާރުއެމްއިން ބުނެފައިވެއެވެ.

ތަޢުލީމީ ޤާބިލް ޒުވާނުން ޤައުމީ ޚިދުމަތަށް ނުކުންނައިރު، އެކަށޭނަ މުސާރައެއް ޔަޤީންކޮށްދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުދި، އޭގެ ފޮނިކަން ނިމިގެންދިޔަ ޖަނަވަރީ މަހުން ފެށިގެން އެތައް ހާސް މަސައްކަތްތެރިންނަށް ލިބެމުންދާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ސަރވިސް ޗާޖު އެ ދާއިރާގެ މުވައްޒަފުންނަށް ލިބޭނެކަން ޤާނޫނުން ކަށަވަރުވެގެން ދިއުމާއިއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ލިބޭ އެތައް އާއިލާއަކަށް އިތުރު ފުރުޞަތުތައް ހުޅުވިގެން ގޮސްފައިވަކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް މިސަރުކާރުން ފޯރުކޮށްދެވިފައިވާ ގިނަގުނަ ކަންތައްތަކަށް އަލިއަޅުވާލެވިފައިވާ، އަދި އުއްމީދީ ގިނަ ސިޔާސަތުތަކެއް އިޢުލާނު ކުރެވިގެންދިޔަ ރިޔާސީ ބަޔާނެއްކަމަށާއި، އެގޮތުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެމްއާރުއެމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެޕާޓީން ވަނީ ދީފަފައެވެ. އަދި ހަމަ އެހެންމެ، ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި، އެމްއާރުއެމްގެ ޒަޢީމް އާއި ރައީސް އަދި މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުމެ ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމްއާރުއެމްއިން ވަނީ ދެއްވާފައެވެ.