ޚަބަރު

ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފަށައިފި، މުޅި ޤައުމު ނަތީޖާގެ އިންތިޒާރުގައި


ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

ކޮމަންޑޫ ދާިއރާގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. ޖުމްލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވެއެވެ. މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮއްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.

ކޮމަންޑޫދާއިރާގެ މާލޭގައި ބަހައްޓާ 2 ވޯޓުފޮށި ބަހައްޓާފައިވަނީ، އިސްކަންދަރު ސްކޫލުގައެވެ. މާލޭގައި ބަހައްޓާފައިވާ 2 ފޮއްޓަށް 1،300 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މީގެ ތެރެއިން އެއްފޮށި ޚާއްސަ ކޮށްފަިއވަނީ މާލޭގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނަށެވެ. އެފޮއްޓަށް 693 މީހަކު ވޯޓުލުމުގެހައްގު ލިބިފައިވެއެވެ.

މާލޭގައި ބަހައްޓާފައިވާ އަނެއް ފޮއްޓަށް މަރޮށި، ފޯކައިދޫ ރައްޔިތުންގެ ތެރެއިން 607 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މިފޮއްޓަށް، ފޯކައިދޫ، 271 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މަރޮށީގެ 336 މީހުންނަށް ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މިއިންތިޚާބުގައި ކޮމަންޑޫ ދާއިރާގައި ބަހައްޓާފައިވާ 5 ފޮށީގެ ތެރެއިން ކޮމަންޑޫގައި ބަހައްޓާފައިވާ 2 ފޮއްޓަށް، 712 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ފޯކައިދޫގައި ބަހައްޓާ 2 ފޮއްޓަށް 930 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މަރޮށީގައި ބަހައްޓާ ފޮއްޓަށް 367 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މިއިންތިޚާބުގައި މިތިން ރަށުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،309 މީހުންގެ ތެރޭގައި ހިމެނެނީ ކޮމަންޑޫގެ 1،405 މީހުންނާއި، ފޯކައިދޫގެ 1،201 މީހުންނާއި، މަރޮށީގެން 703 މީހުންނެވެ. މިއިންތިޚާބަކީ ފޯރިގަދަ ކެމްޕެއިނެއްކޮށް ވާދަވެރިކަން ބޮޑުވެފައިވާ އިންތިޚާބަކަށްވާއިރު މިއިންތިޚާބުގެ ނަތީޖާއަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.