ޚަބަރު

ކޮމަންޑޫ ދާއިރާއަށް ވާދަކުރާ 3 ކެނޑިޑޭޓުން ވޯޓުލައިފި


މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ 3 ކެނޑިޑޭޓުން ވޯޓުލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ޢަބްދުލް ހަންނާން އިދުރީސެވެ.

މިތިން ބޭފުޅުންވެސް މިއަދު މެންދުރު ކުރީގައި ވަނީ ވޯޓު ލައްވާފައެވެ. ތިން ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ކެނޑިޑޭޓް ވޯޓު ލެއްވީ އޭނާގެ އުފަންރަށް ފޯކައިދޫގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. ޕީޕީއެމްއާއި، އެމްއެންޕީގެ ކެނޑިޑޭޓަކީ ކޮމަންޑޫއަށް ނިސްބަތްވާ ދެބޭފުޅުންނަށް ވުމުން އެދެބޭފުޅުން ވޯޓުލާފައިވަނީ ކޮމަންޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ.

ކޮމަންޑޫ ދާިއރާގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. ޖުމްލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވެއެވެ. މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮށްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖަހަންދެނެވެ.