ޚަބަރު

މެންދުރާ ހަމައަށް %45 މީހުން ވޯޓުލައިފި


ކޮމަންޑޫ ދައިރާގެ ބައި-އިލެކްޝަންގައި މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުލައިފިއެވެ.

ކޮމަންޑޫ ދާިއރާގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. ޖުމްލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވެއެވެ. މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮއްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.

މިއިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު 12 ޖެހުމައި ހަމައަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުގެ ތެރެއިން 1،472 މީހަކު ވަނީ ވޯޓުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 741 ފިރިހެނުންނާއި، 731 އަންހެނުންނެވެ. މިއިންތިޚާބުގައި މެންދުރު ކުރީގެ 12 ޖެހުމާއި ހަމައަށް 45 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.

މިއިންތިޚާބުގައި މިތިން ރަށުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،309 މީހުންގެ ތެރޭގައި ހިމެނެނީ ކޮމަންޑޫގެ 1،405 މީހުންނާއި، ފޯކައިދޫގެ 1،201 މީހުންނާއި، މަރޮށީގެން 703 މީހުންނެވެ. މިއިންތިޚާބަކީ ފޯރިގަދަ ކެމްޕެއިނެއްކޮށް ވާދަވެރިކަން ބޮޑުވެފައިވާ އިންތިޚާބަކަށްވާއިރު މިއިންތިޚާބުގެ ނަތީޖާއަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.