ޚަބަރު

އިންތިޚާބަށް އަސަރުކުރާފަދަ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައިނުވޭ: ފުއާދު


މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިންތިޚާބަށް އަސަރުކުރާފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ އިންތިޚާބާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވިދާޅުވީ، އިންތިޚާބާ ގުޅޭގޮތުން އެކި ޝަކުވާތައް އެކޮމިޝަނަށް ހުށަހަޅަމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް އިންތިޚަބަށް އަސަރުކުރާ ފަދަ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ފުވާދު ވިދާޅުވިއެވެ.

އިންތިޚާބު ފެށުމުގެ ކުރިން ހުށަހެޅި 3 ޝަކުވާއަށް ކޮމިޝަނުން ޖަވާބުދާރީވެފައިވާކަމަށް ފުވާދު ވިދާޅުވިއެވެ. އިންތިޚާބާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ކޮމިޝަނުގައި މިނިވަން ކޮމެޓީއެއް އެކުލަވާލެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި، ފާހަގަވާ ކަންކަމަށް ބަލައި ޤާނޫނީ ގޮތުން ބަލަންޖެހޭ މައްސަލައެއް އޮތްނަމަ އެކަމެއް ބަލައި ކޯޓާހަމަޔަށް ފޮނުވަންޖެހޭ މައްސަލައެއް އޮތްނަމަ ކޯޓަށްވެސް އެމައްސަލައެއް ހުށަހަޅުއްވާނެކަމަށް ފުވާދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާިއރާގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. ޖުމުލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވެއެވެ. މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮށްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.

މިއިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރުފަހު 2 ޖެހުމާ ހަމައަށް ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުގެ ތެރެއިން 2241 މީހަކު ވަނީ ވޯޓުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1104 ފިރިހެނުންނާއި، 1137 އަންހެނުންނެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަތުން ބަލާނަމަ %68އެވެ.

ވޯޓުލުން ނިމޭނީ މިއަދު ހަވީރު 4 ޖެހުމާއި ހަމައަށެވެ. ނަމަވެސް ކިއުގައި ބަޔަކު ތިބި ނަމަ ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށްދާނެއެވެ.