ޚަބަރު

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް މާދަމާ ފަށަން އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުންނެވެ. ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލައެއް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުމަށް ވަނީ އެޖެންޑާކޮށްފައެވެ. މީގެ އިތުރުން ވާރލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ)ގެ "ޓްރޭޑް ރިލޭޓަޑް އެސްޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) ގެ އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާ ލާފައިވާ ޕްރޮޓޮކޯލްކަމަށްވާ "ޕްރޮޓޮކޯލް އެމެންޑިންގދަ ޓްރިޕްސް އެގްރީމެންޓް" ދިވެހިރާއްޖެއިން ބަލައިގަނެ ތަޞްދީޤުކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާފޮނުއްވާފައިވާ މައްސަލަވެސް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްއެވެ. މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ގިނަ މަސައްކަތަކެއް އޮތީ ކޮމެޓީތަކުގައެވެ.

އަދި މިދައުރުގެ ތެރޭގައި ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމަށް މެމްބަރުން ކަނޑައެޅުމުގެ މަސައްކަތްވެސް ކުރާނެއެވެ.