ޚަބަރު

އަފްހާމްގެ މަރުގެ މައްސަލާގައި ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް


ސްރީލަންކާގައި މަރާލާފައި އޮތްވާ ފެނުނު ދިވެހި ޒުވާނެއްކަމަށްވާ އަފްހާމް ނަސީރުގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ފުލުހުންގެ ޓީމެއް ލަންކާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

އުމުރުން 23 އަހަރުގެ އަފްހަމް ނަސީރު މަރާލާފައި އޮއްވާ ފެނުނީ މިމަހުގެ 5 ވަނަ ދުވަހު ސްރީލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުގައެވެ. މި މައްސަލއާއި ގުޅިގެން ފުލުހުންގެ ޓީމެއް މިއަދު ލަންކާއަށްދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޓީމު ލަންކާއަށް ދިއުމަށް ހަމަޖެހިފައިވަނީ އެ މައްސަލާގައިކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެކަންކަން ކުރުމަށްޓަކައިކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަފްހާމްގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އަފްހަމަކީ 2019 ގައި ލަންކާއަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރެކެވެ.