ބޮޑެތި އިނާމްތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ.
އެސްޓީއޯ ރަމަޟާން ބާޒާރު ކުރިއަށްދާނީ 10 ފެބްރުއަރީން ފެށިގެން 30 އެޕްރީލްގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޟާން ބާޒާރުގައިވެސް އެކި އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓަކެއް ލިބޭނެކަމަށެވެ. އަދި އެކި އައިޓަމްތަކުން ލިބޭ ޑިސްކައުންޓްތައް ތަފާތުވާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މިސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަ ތަކުގައެވެ.
އެހެން އަހަރު ތަކާއި ހިލާފަށް، 2022 ވަނަ އަހަރުގެ ރަމަޒާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަންއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތުދެމުން އެސްޓީއޯގެ މީޑިއާ ކޯރޑިނޭޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވީ، ޑިޖިޓަލް ކޫޕަންގައިވެސް އެމީހަކަށް ލިބޭ ކޫޕަންގެ އަދަދުތަށް އެނގޭނެ ކަމަށާއި، އެއްފަހަރާއި ތިން ކޫޕަންވެސް ފުރާލެވޭނެ ކަމަށާއި، ބޭނުން ނަމަ އެކި ނަން ނަމުގައި ވަކިން ވަކިން ކޫޕަންތަށް ފުރާލެވޭނެ ކަމަށެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން %40 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ކޮންމެ 1000ރ (އެއްހާސް ރުފިޔާ) ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓް ތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ގްރޭންޑް ވިނާރ މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަށް ތުރުކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މީގެ އިތުރުން ދަތުރުގެ އެލަވެންސްގެ ގޮތުގައި 1000 ޑޮލަރު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
އިތުރު އިނާމްތަކުގެ ތެރޭގައި، މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. އެސްޓީއޯއިން ބުނީ މިއަހަރުގެ ރަމަޟާން ބާޒާރުގައި އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުން ކަމަށެވެ.
އެސްޓީއޯ ސުޕަރމާޓްގައި ރަމަޟާން ބާޒާރު ސޭލް މާޗް މަހުގައި ފެށޭނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.