ޚަބަރު

ސިންގަޕޫރުގައި ޖީއެސްޓީ ނަގާ މިންވަރު އިތުރުކުރަނީ


ސިންގަޕޫރުގައި މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، 7 އިންސައްތައިން 9 އިންސައްތައަށް ބޮޑުކުރުމަށް ނިންމައިފިއެވެ.

ސިންގަޕޫރުގެ 2022 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުން ފެބްރުއަރީ 18 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މި އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ ޖީއެސްޓީގެ މިންވަރަށް ގެނައި ބަދަލު ތަންފީޒުކުރުމަށް ނިންމައިގެން ކަމަށް އެ ޤަައުމުގެ މާލީ ވަޒީރު ލޯރެންސް ވޮންގް މިވަނީ ހާމަކުރައްވާފައެވެ.

ފޭސްބުކް ވީޑިއޯއެއްގައި ވޮންގް ދެއްކެވި ވާހަކަފުޅުގައި ޖީއެސްޓީ އިތުރުކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ނިންމުމަކީ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމުގައި މީހުން ބިނާކުރުމަށާއި މުޖުތަމަޢު އާރާސްތުކުރުމަށް އިތުރަށް ލިބިގެންދާ އާމްދަނީއެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސިންގަޕޫރުގައި ޖީއެސްޓީ ނަގާ މިންވަރަށް ގެންނަ ބަދަލުގައި ކުރިން ކަނޑައަޅާފައިވާ 7 އިންސައްތައިގެ ބަދަލުގައި 9 އިންސައްތަ، ޖިއެސްޓީގެ ގޮތުގައި ދައްކަންޖެހޭނެއެވެ. މި ބަދަލަކީ އެ ޤައުމުގެ ކުރީގެ މާލީ ވަޒީރު ހެންގް ސްވީ ކީޓްގެ ދައުރުގައި، 2018 ވަނަ އަހަރުގެ ބަޖެޓް އިފްތިތާޙުކުރުމަށް ދެއްވި ޚިޠޯބުގައި ފާހަގަކުރައްވާފައިވާ ނިންމުމެކެވެ. އޭރުގެ ވަޒީރު ހާމަކުރައްވާފައިވަނީ މި ނިންމުމަށް އެ ޤައުމުން ޢަމަލުކުރަން ފަށާނީ 2021 އާއި 2025 އާއި ދެމެދުގެ އަހަރެއްގައި ކަމަށެވެ.

ސިންގަޕޫރުގެ މާލީ ވަޒީރު ވޮންގް އިތުރަށް ހާމަކުރައްވާފައިވާ ގޮތުން ޖީއެސްޓީއަށް ގެންނަ ބަދަލުގެ އަސަރު ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅުމަށް ނިންމާފައިވެއެވެ. އެގޮތުން އާމްދަނީ މަދުން ލިބޭ ޢާއިލާތަކަށާއި، ރިޓަޔަރ ކޮށްފައިވާ ފަރާތްތަކަށް، ދައުލަތުގެ "އެޝުއަރެންސް ޕެކޭޖާއި"، "ޖީއެސްޓީ ވައުޗަރ ސްކީމް" ގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވޮންގް ވިދާޅުވެފައި ވެއެވެ.

ޖީއެސްޓީ އިތުރުކުރުމުން ލިބޭ އާމްދަނީ ބޭނުންކުރާނީ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށާއި، ޢުމުރުން ދުވަސްވީ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށްކަން ފާހަގަކުރައްވައި ވޮންގް ވިދާޅުވީ ބަޖެޓާއި ގުޅޭ ޚިޠޯބުގައި މިކަމާގުޅޭ އިތުރު ތަފްޞީލު ހާމަކުރައްވާނެކަމަށެވެ.

ސިންގަޕޫރުގެ 2022 ވަނަ އަހަރުގެ ބަޖެޓު އިފްތިތާޙުކުރުމަށް އެ ޤައުމުގެ މާލީ ވަޒީރު ދެއްވާ ޚިޠޯބު އެކި ޗެނަލްތަކުންނާއި، ސިންގަޕޫރުގެ މާލީ ވުޒާރާގެ އެކި މައްސަތަކުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.