ކޮކާކޯލާ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން 25 އިންސައްތަ އުފެއްދުން، ދެވަނަ ފަހަރަށް ބޭނުންކުރެވޭގޮތަށް ބަންދުކުރުމަށްކަމަށް އެ ކުންފުނިން ޢަމާޒުކޮށްފިއެވެ.
2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާކޯލާގެ އުފެއްދުންތަކުގެ 25 އިންސައްތަ ބަންދުކުރުމުގައި "ރީޔޫސަބަލް" ނުވަތަ ދެވަނަ ފަހަރަށް ބޭނުންކުރެވޭގޮތަށް ބަންދުކުރުމަށް ނިންމާފައި މިވަނީ، ތިމާވެއްޓާބެހޭ ޖަމާޢައްތަކުގެ ފާޑުކިޔުން އެ ކުންފުންޏަށް ވަރަށް ބޮޑަށް ޢަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ތިމާވެށި ޙިމާޔަތްކުރުމަށް ވަކާލާތުކުރަމުންދާ ބައިނަލްއަޤްވާމީ ކޯލިޝަނެއް ކަމަށްވާ "ބްރޭކް ފްރީ ފްރޮމް ޕްލާސްޓިކް" ގެ 2021 ވަނަ އަހަރުގެ ރިޕޯޓުތައް ދައްކާގޮތުން ދުނިޔޭގައި ކަނޑަށް އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކް އެންމެ ގިނަ ޢަދަދަކަށް އުފައްދާ ކުންފުންޏަކީ ކޮކާކޯލާއެވެ. މިއީ މި ރިޕޯޓުގެ އެންމެ ކުރީގައި ކޮކާކޯލާ ޖެހިޖެހިގެން އޮތް 4 ވަނަ އަހަރެވެ. އެހެންކަމުން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އުފެއްދުންތައް ފަރުމާކުރުމަށްޓަކައި މަސައްކަތް ފަށާނެކަން ކޮކާކޯލާއިން އިޢުލާންކޮށްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެ ކުންފުނީގެ ޕްލާސްޓިކް އަދި ބިއްލޫރި ފުޅީގެ އިތުރުން ރީފިލް ކުރެވޭ ފައުންޓެއިންތަކާއި ޑިސްޕެންސަރުތައްވެސް މި ބަދަލުގައި ހިމެނޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮކާކޯލާއިން ބުނެފައިވަނީ 2020 ވަނަ އަހަރު އެ ކުންފުނީގެ 16 އިންސައްތަ އުފެއްދުން ބަންދުކޮށްފައިވާނީ އަލުން ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި އެ އަހަރު ވިއްކި ރީފިލް ކުރެވޭ ވައްތަރުގެ ބިއްލޫރި އަދި ޕްލާސްޓިކް ފުޅީގެ 90 އިންސައްތަ އަލުން އަނބުރާ ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކޮކާކޯލާއިން އުފެއްދުންތައް ބަންދުކުރުމުގައި އަލަށް ޢަމަލުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން އެ ކުންފުނީގެ "ވޯލްޑް ވިތައުޓް ވޭސްޓް"، މި ޝިޢާރަށް ވާޞިލުވުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް ކުންފުނީގެ ސީއީއޯ ޖޭމްސް ކުއިންސީ ވަނީ ވިދާޅުވެފައެވެ. މި ޝިޢާރުގެ ދަށުން ކަނޑައަޅާފައިވާ ޢަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ކޮކާކޯލާއިން ވިއްޔާ ކޮންމެ ދަޅަކަށް ނުވަތަ ފުޅިޔަކަށް ބަދަލުގައި އެތަކި ހޯދުމެވެ.
ތިމާވެއްޓާއި ބެހޭ ކޯލިޝަނުން މީގެ ކުރިން 45 ޤައުމެއްގެ މޫދު ސާފުކުރުމުގެ ތެރޭގައި ކޮކާކޯލާ ބްރޭންޑުގެ 20،000 ފުޅިއާއި ދަޅު ވަނީ ފެނިފައެވެ. އެހެންކަމުން މި ކުންފުންޏަކީ ޕްލާސްޓިކުން ދުނިޔެ ތަޢައްޔަރުވުމުގައި އެންމެ ބޮޑު ޙިއްސާއެއް އޮތް އެއް ކުންފުނިކަމަށް އެ ދާއިރާއަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭއިރު، ތިމާވެށްޓާއި ރަށްޓެހި އުފެއްދުންތައް ފަރުމާކުރުމަށް ކޮކާކޯލާއިން ނިންމި ނިންމުމަށް އެ ޖަމާޢައްތަކުން ވަނީ މަރުޙަބާ ކިޔާފައެވެ.