ދުނިޔޭގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި، ތެޔޮ އުފައްދާ މިންވަރަށް އައިސްފައިވާ ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށްދާން ފަށައިފިއެވެ.
ފާއިތުވި ހަފްތާގައި އެކި ދުވަހު އެކިވަރަށް ތެލުގެ އަގަށް ބަދަލު އަންނަމުންދިޔަކަމަށް ޚަބަރުތަކުން ދިޔައީ ހާމަކުރަމުންނެވެ. ތެލުގެ އަގު އެއްވަރެއްގައި ނުހިފެހެއްޓި ވަނިކޮށް ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 1 އިންސައްތައަށްވުރެ މައްޗަށްޖެހިފައެވެ. މިއީ ފާއިތުވި 7 އަހަރު ތެލުގެ އަގު އެންމެ ބޮޑަށް މައްޗަށްދިޔަ ފަހަރެވެ. މި ބަދަލާއި ގުޅިގެން އެމެރިކާގައި ބައެއް ވައްތަރުގެ ތެލުގެ އަގު ވަނީ ފީފާއަކުން 1.4 އިންސައްތަ އިތުރުވެފައިވެއެވެ. އެހެންކަމުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 96 ޑޮލަރަށް މައްޗަށްޖެހިފައެވެ.
ތެލުގެ އަގަށް ބަދަލު އަންނަމުންދާ ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ މަސްރަޙުގައި މިހާރު ކުރިއަށްދާ އިރާނުގެ ނިއުކްލިއާ އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް ހިމެނެއެވެ. މީގެ އިތުރުން ޔުކްރެއިންގެ މައްސަލައިގައި ރަޝިއާއިން ޙަމަލާދީފާނެކަމަށް އެމެރިކާއިން ބުނެފައިވުމުން، މި މައްސަލައާއި ގުޅޭގޮތުން ލިބޭ މަޢުލޫމާތަށް ރިޢާޔަތްކޮށް ތެލުގެ ވިޔަފާރި ހިމެނޭހެން ޖުމްލަ ގޮތެއްގައި ދުނިޔޭގެ ބާޒާރަށް ދަނީ އަސަރުކުރަމުންނެވެ.
އެމެރިކާއަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް ތެޔޮ އުފައްދާ ޤައުމަށް ވެފައި، ސަޢުދީ އަށްފަހު މި ލިސްޓުގެ 3 ވަނައިގައި ރަޝިއާ އޮތުމުގެ ސަބަބުން އެމެރިކާއާއި ރަޝިއާގެ މެދުގައި މިހާރު އުފެދިފައި އޮތް ނުތަނަވަސްކަމަކީ ތެލުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރުވާނެކަމެއްކަމަށް ތަޖުރިބާކާރުން ހާމަކުރައްވައެވެ. އަދި ޙަމާލާތައް ފެށިއްޖެނަމަ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރައިގެންދާނެކަމަށް އެ ފަރާތްތަކުން ހާމަކުރެއެވެ.
ތެލުގެ އަގު އުފުލެމުންދާ މައިގަނޑު އަނެއް ސަބަބަކީ އޮޕެކް އަދި އެކުވެރި ޖަމާޢަތްތައް ހިމެނޭ އޮޕެކް ޕްލަސްއިން ފެބްރުއަރީމަހަށް ކަނޑައަޅާފައިވާ މިންވަރަށް ތެޔޮ އުފެއްދޭ ގޮތްނުވެމެވެ. މިއަހަރު ތެލަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެކަން ހާމަވެފައިވުމުން އޮޕެކް ޕްލަސްއިން ނިންމާފައިއޮތީ ފެބްރުއަރީން ފެށިގެން، ކުރިއަށްވުރެ ދުވާލަކު 400،000 ފީފާގެ ތެޔޮ އިތުރަށް އުފެއްދުމަށެވެ. ނަމަވެސް އޮޕެކުގެ 7 މެމްބަރު ޤައުމަކުން އުފެއްދުންތެރިކަން ދަށްވުމާއި ގުޅިގެން އެ ޖަމާޢަތުގެ އުފެއްދުންތައް މިހާރު ލިބެންހުރީ ޑިމާންޑަށްވުރެ ދުވާލަކު 1 މިލިއަން ފީފާ މަދުންކަމަށް ދިރާސާތަކުން ދައްކައެވެ. ތެޔޮ އުފައްދާ މިންވަރު އެންމެ ބޮޑަށް މަދުވެފައިވަނީ އިރާޤުން ކަމަށް އޮޕެކުން ބުނެއެވެ. ޑިމާންޑަށްވުރެ ސަޕްލައި މަދުވުމުގެ ސަބަބުން ސްޕެއަރ ކެޕޭސިޓީ ރިސްކް ބޮޑުވެ، ފީފާއެއް 125 ޑޮލަރަށް ޖެހުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް ބައެއް އެނަލިސްޓުން ލަފާކުރެއެވެ.
ތެޔޮ އުފެއްދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ޑީސެލް ލިބުންވެސް ދަތިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން ޖެޓް ފިއުލް އަގުބޮޑުވެ، ގެލަނެއް ލިބެންހުރީ 2.75 ޑޮލަރަށެވެ. އޮޕެކުން މިދިޔައަހަރު ލަފާކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު ނިމޭއިރު ދުނިޔޭގައި ތެޔޮ ބޭނުންކުރާ މިންވަރު ދުވާލަކު 100 މިލިއަން ފީފާއަށްވުރެ އިތުރުވެގެންދާނެއެވެ. ތެލުގެ ޑިމާންޑު އިތުރުވަމުންދާ މި ދަނޑިވަޅުގައި ސަޢުދީއިން ވަނީ މާޗުމަހު އޭޝިއާ ސަރަޙައްދަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ.