ޚަބަރު

ދެ އެއަރލައިނަކުން ތިމާވެއްޓާއި ރައްޓެހި ތަފާތު ތެލެއް ބޭނުންކުރަނީ


ސިންގަޕޫރުގެ ޤައުމީ އެއަރލައިނާއި، ސްކޫޓް އެއަރލައިނުން، ދެމެހެެއްޓެނިވި ގޮތަކަށް އުފައްދާ ތެޔޮ ތަޖުރިބާކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ހާމަކޮށްފިއެވެ.

ސިންގަޕޫރުގެ ވައިގެ އުދުހުންތަކާބެހޭ އިދާރާގެ ވެރިޔާ ހާން ކޮކް ހުވާން، މިދިޔަ ހަފްތާގައި ނޫސްތަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އެ ޤައުމުގެ ވައިގެ ދަތުރުތަކުގެ ދާއިރާ އަލުން އާރާސްތުކުރަން ފަށާފައިވާއިރު ކުރިއަށްއޮތް އަހަރުތަކުގައި އެންމެ އިސްކަމެއްދޭ ކަމަކީ ދެމެހެެއްޓެނިވިގޮތަކަށް ހަކަތައާއި ވަޞީލަތްތައް ބޭނުންކުރުން ކަމަށެވެ. އެ ވިސްނުމުގެ ދަށުން މަތިންދާބޯޓުތަކުގައި ތިމާވެއްޓާއި ރައްޓެހި ތެލެއް ބޭނުންކޮށް ތަޖުރިބާކުރުމަށް ވަނީ ނިންމާފައިވާފައިވެއެވެ.

ހާން ވިދާޅުވީ އައު ވައްތަރެއްގެ ތެޔޮ ބޭނުންކުރަން ފަށާނީ ސިންގަޕޫރު އެއަރލައިންސް އަދި ސްކޫޓްގެ ބޯޓުތަކުގައި ކަމަށެވެ. މި ތެލުގައި އެކުލެވޭ ބައިތަކަށް ބަލާއިރު ކުކިން އޮއިލް އާއި، ނެސްލޭ ކުންފުނިން ބޭނުންނުހިފި ދޫކޮށްލާ (ޖަނަވާރުންޖެ) ސަރުބީ ހިމެނެއެވެ. ތެޔޮ އުފެއްދުމަށް ނިންމާފައިވާގޮތަކީ ކުކިން އޮއިލްއާއި ސަރުބީން ނަގާ 1.25 މިލިއަން ލީޓަރުގެ ތެޔޮ، އެކްސޮން މޯބްލްގެ ފެސިލިޓީތަކުގައި ހުރި ޖެޓް ފިއުލްއާ އެއްކޮށްގެންނެވެ.

އެއްއަހަރު ދުވަހުގެ ޕައިލެޓް ޕްރޮގްރާމަކަށް ޢަމާޒުކޮށްގެން ފަށާ މި މަޝްރޫޢުގައި "ސަސްޓެއިނަބްލް އޭވިއޭޝަން ފިއުލް" ބޭނުންކުރުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 2500 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެކަމަށް މަޝްރޫޢުއާގުޅޭ އިދާރާތަކުން ހާމަކުރެއެވެ.

ސިންގަޕޫރުގެ ވައިގެ އުދުހުންތަކާބެހޭ އިދާރާއިން ހާމަކުރާގޮތުގައި ޖުލައިމަހުގެ ނިޔަލަށް އެ ޤައުމުގެ ޗަންގީ އެއަރޕޯޓުގައިހުރި ފިއުލް ހައިޑްރެންޓް ސިސްޓަމަށް މި ސަސްޓެއިނަބްލް އޭވިއޭޝަން ފިއުލް އިތުރުކުރެވޭނެއެވެ. އެއަށްފަހު އަހަރުގެ 3 ވަނަ ކުއާޓަރުންފެށިގެން ސިންގަޕޫރު އެއަރލައިންސް އަދި ސްކޫޓްގެ ހުރިހާ ބޯޓުތަކެއްގައި މި ތެޔޮ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވައިގެ ދަތުރުތައް "ޑީކާބަނައިޒް" ކުރުމަށް މަގުފަހިކޮށްދޭ މި ނިންމުމަކީ 2050 ވަނަ އަހަރުގެ ނިޔަލަށް ކާބަން އެމިޝަން ނެޓް ޒީރޯ ޢަމާޒަށް ވާޞިލުވުމަށް މަސައްކަތްކުރަމުންދާ ސިންގަޕޫރު އެއަރލައިންސް ގްރޫޕަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އެ ކުންފުނީގެ ވެރިން ދެކެއެވެ.