ޚަބަރު

ބޯހިމެނުމުގެ މަސައްކަތަށް 4400 މީހުން ހޯދަނީ


މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގައި ހަރަކާތްތެރިވާނެ 4400 އެއްހާ މީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފަށައިފިއެވެ.

ބޯހިމެނުމުގެ މަސައްކަތުގައި އުޅޭނެ މީހުން ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާއިރު އެކަމަށް އެދުމަށް ހުޅުވާލާފައިވަނީ މެއި މަހުގެ ނިޔަލަށެވެ.

ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިޤްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 13އިން 14 އަށް އަދި 17 އިން 25 އަށެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތްކުރުމަށް މުޅިރާއްޖޭގައި ހަރަކާތްތެރިވުމަށް ބޭނުންވާ 4400 އެއްހާ މީހުން ބޭނުންވާކަމަށެވެ. މިގޮތުން މިކަމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.

ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯހިމެނުމުގެ ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ހަފްތާގެ ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ރަށްރަށުގައި މިތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހާއި އޮގަސްޓްމަހުގެ ތެރޭގައެވެ. އަދި މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޯގަސްޓްމަހާއި ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

އެ އިދާރާއިން ވިދާޅުވީ މިމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުތަކުގެ ދުވަސްވަރުގައާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުމުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ބޯހިމެނުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނައިރު މިހާރު ވަނީ ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރުމުގެ މަސައްކަތްތައްވެސް ފަށާފައެވެ.

ބޯހިމެނުމަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ރައްޔިތުންގެ ޢާއްމު ޙާލަތާއި ދިރިއުޅުމުގެ ފެންވަރާއި ޢާމްދަނީ ބެހިގެންވާ ގޮތުގެ މަޢުލޫމާތު ޤައުމީ ފެންވަރުގައި އެއްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ.