އދގެ ނިންމުންތައް ނިންމުމުގައި އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށްވެސް ރިޢާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސް، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
25 އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި، އަދި އެމަޖިލީހުގެ 17 ވަނަ ދައުރުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސްތަކުގެ ޖަމްއިއްޔާ، އިންޓަޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން އިންތިޒާމުކޮށްގެން އާއްމު މަޖިލީހުގައި ބޭއްވި ޕާލަމެންޓަރީ ހިއަރިންގައެވެ. މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ޤައުމުތަކަކުން ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުން ނުވަތަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހަކީ އެމަނިކުފާނުގެ ހިތާ ގުޅިފައިވާ ތަނެއްކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލިސްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާއެކު މަޝްވަރާކުރުމަށް އަބަދުވެސް މަރުޙަބާ ދަންނަވާކަމަށެވެ.
ޝާހިދުގެ ވާހަކަފުޅުގައި މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގަޔާއި، ޢާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހޭދަކުރައްވަމުން ގެންދަވާ މުއްދަތުގައި، އދ އާއި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތައް އެއްކޮށް ކުރާ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނަވާކަން ފާހަގަކުރެއްވިއެވެ. އަދި އދގެ ނިންމުންތައް ނިންމުމުގައި އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ވިސްނުންތަކަށްވެސް ރިޢާޔަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެވަޑައިގަންނާވަކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ކުރަން ޖެހޭ ކަންކަން ޤާނޫނު ހަދާ މަޖިލިސްތަކުން ކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.