ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، ޅ. ނައިފަރުވެގެންދާނީ ރީޖަނަލް ހަބެއްގެގޮތުގައި ބޭނުންކުރާނެ ރަށަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޅ. ނައިފަރުގައި ސަރުކާރުން ތަރައްޤީކުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމާ ކައުންސިލާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރުގެ ރައްޔިތުންގެ މިވަގުތު ހުރި ބައެއް ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާފައެވެ.
ނައިފަރުގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ނައިފަރަކީވެސް މަސްވެރި ރަށަކަށްވެފައި، އައިސް ލިބުމުގެ ދަތިކަމާއި، ބާނާ މަސް އެއްކޮށް ކިރުވުމުގައި ހުރި ދަތިތަކާއި، މަހަށް އެކަށީގެންވާ އަގެއް ނުލިބޭކަމުގެ ޝަކުވާ ނައިފަރު މަސްވެރިންގެ ފަރާތުން ލިބިފައިވާކަމަށެވެ. އަދި މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކުރަމުންދާއިރު، ފެލިވަރު އަޕްގްރޭޑްކުރުމަށް ހިންގާ މަޝްރޫޢާއެކު މަސްވެރިންގެ އެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
ރައީސް ވިދާޅުވީ، ނައިފަރު ބަނދަރުގެ އުތުރު ނެރުން ވަނުމުގައި ހުރި ދަތިކަން ހައްލުކުރުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށް އެ މަސައްކަތް ކުރައްވާނެކަމަށެވެ.
"މިވަގުތަށް ދިމާވެފައިއޮތް އެންމެ ބޮޑު މައްސަލައަކީ އުތުރު ނެރުން ވަނުމަށް ދިމާވެފައިވާ ދަތިކަމަށްވާތީ، އިރާދަކުރެއްވިއްޔާ އެކަން ހައްލުކުރުމަށްޓަކާ އެމް.ޓީ.ސީ.ސީއާއި އަޅުގަނޑުމެން އެ މަސައްކަތް ޙަވާލުކުރާނަން. މިއަތޮޅުގައި އެމް.ޓީ.ސީ.ސީން މިހާރުވެސް 2 މަޝްރޫޢެއް އެބަކުރިއަށްގެންދޭ. އެއީ ހިންނަވަރާއި ފެލިވަރުގެ 2 މަޝްރޫޢެއް. އެ މަޝްރޫޢުތައް ނިމިގެންދާއިރުގައި މިރަށުގެ ބަނދަރަށް ދިމާވެފައިއޮތް ދަތިކަމަށް ވަގުތީ ހައްލެއް ހޯދޭނެ. އެއަށްފަހުގައި ދެން އަޅުގަނޑުމެން މިސްރާބު ޖަހާނީ މިރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަންތައްތަކަށް ހައްލެއް ހޯދުމަށްޓަކާ" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަކުން ރާއްޖެ ތަރައްޤީކުރުން ކަމަށާއި، އެ އަމާޒަށް ވާޞިލުވުމަށްޓަކާ އެއްރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމުވެފައި އޮންނަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން ހަޤީޤަތަކަށް ހެދުމަށް ސަރުކާރުން މިހާރު ފަށާފައިވާ ހައި ސްޕީޑް ފެރީ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ނައިފަރު ވެގެންދާނީ ރީޖަނަލް ހަބެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.
"ދަތުރުފަތުރުގެ ނިޒާމަކުން އަތޮޅުތައް ގުޅުވާލުމަކީ އަޅުގަނޑުމެން ވީ ވަޢުދެއް. އޭގެ މަސައްކަތް ހއ، ހދ، އަދި ށ. އަތޮޅުގައި އިރާދަކުރެއްވިއްޔާ މިހާރު ޓެސްޓު ބުރުތައް ފެށިގެން އެދަނީ. 2 މަސް ދުވަހުގެ ތެރޭގައި އެ 3 އަތޮޅުގައި އެކަން ފެށިގެންދާނެ. އެއަށްފަހުގައި ދެން ފެށޭ އަތޮޅުތަކުގެ ތެރޭގައި މި އަތޮޅު ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅުވާލުމުގެ މަސައްކަތް ފެށިގެންދާނެ. އެގޮތުން މިރަށް ވެގެންދާނެ ރީޖަނަލް ހަބެއްގެ ގޮތުގައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ނައިފަރުގައި ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި އެ މަޝްރޫޢު ނިމުމުން، ނައިފަރުގެ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި ނައިފަރުގައި ސަރުކާރުން މިވަގުތު ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ނިމުމުން، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ނައިފަރުގައި ސަރުކާރުން 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ފެށީ 2020 ވަނަ އަހަރުގެ ކުރީކޮޅެއެވެ. މި މަސައްކަތް ނިންމާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
މި 100 ހައުސިންގ ޔުނިޓް އަޅާފައިވަނީ ނައިފަރުގެ ހިއްކިބިން ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ ދަށުން ނައިފަރުގައި ތިން ފަންގިފިލާގެ 3 އިމާރާތާއި، ހަތަރު ފަންގިފިލާގެ 1 އިމާރާތްވަނީ ތަރައްޤީކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 3 ފަންގިފިލާގެ ކޮންމެ އިމާރާތެއްގައި 24 އެޕާޓްމަންޓާއި، 4 ފަންގިފިލާގެ އިމާރާތުގައި ހަދާފައިވާ 28 އެޕާޓްމަންޓެވެ. ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ސަރުކާރުން މިހާރު ވަނީ އާއްމުކޮށްފައެވެ.