ކުޅިވަރު

މަތިވެރި މާރންސް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކޮށްފި


އއ. މަތިވެރި އެސޯސިއޭޝަން ފޯރ ރެކްރިއޭޝަން އެންޑް ސްޕޯޓްސް (މާރންސް) ގެ މާރންސް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު މަތިވެރި ފުޓްސަލް ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މާރންސް ސްޕޯޓްސް އެކަޑަމީ އިފްތިތާޙްކޮށްދެއްވީ، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްޣަނީއެވެ. މި ރަސްމިއްޔާތުގައި ވަނީ މަތިވެރީގައި މިހާތަނަށް އުފެދުނު އެންމެ އިތުބާރު އަދި އެންމެ ދުވަސްވީ ގޯލު ކީޕަރު (އއ. މަތިވެރި / ފީރޯޒުގެ އަހުމަދު ފިރާގު)ގެ އަގު ވަޒަންކޮށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ހަވާލުކޮށްދެއްވީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގެވެ.

އެކަޑަމީ އިފްތިތާޙު ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރންސް ޖަމިއްޔާގެ ރައީސް އިސްމާޢީލް ނަސީމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެކަޑަމީ ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަތިވެރީގައި ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިސްމާޢީލް ނަސީމް އިތުރަށް ވިދާޅުވީ، މާރންސް ޖަމިއްޔާ އުފެއްދުމަށް އެ ޖަމިއްޔާގެ އެންމެހާ މެންބަރުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޖަމިއްޔާގެ ފަރާތުން ރަށުގެ ތަރައްގީއާއި، ޒުވާނުން ބާރުވެރި ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އައްސަދު އަބްދުލްޣަނީ ވާހަކަ ދައްކަވަމުން އެކަޑަމީގެ ކުދިންނާ މުޚާތަބުކޮށް ވިދާޅުވީ، މޮޅު ކުޅުންތެރިއަކަށް ވުމަށްޓަކައި ގަދަ އަޅާ މަސައްކަތްކުރަންޖެހޭ ކަމަށާއި، އެގޮތުން ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓައި ގަވާއިދުން ފަރިތަކުރުންތަކުގައި ބައިވެރިވާންޖެހޭ ކަމަށެވެ. ޢަލީ އަޝްފާގު މިސާލުން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް ވުމަށް އެދޭނަމަ ގަދަ އަޅާ މަސައްކަތްކޮށް ކޯޗުންނާއި މައިންބަފައިންގެ ނަސޭހަތް ހެޔޮކޮށް ހިތުމަށްވެސް އައްސަދު ވަނީ ކުދިންގެ ކިބައިން އެދިފައެވެ.


މާރންސް އެކަޑަމީ ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އެކަޑަމީގައި ބޭނުންކުރާ ބޯޅައިގައި ސޮއިކުރުމުގެ ހާއްސަ ހަރަކާތެއްވެސް ގެންގޮސްފައެވެ. އެގޮތުން ބޯޅައިގައި އެންމެ ފުރަތަމަ ސޮއިކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. އެކަޑަމީ ރަސްމީކޮށް އިފްތިތާޙްކުރި މި ރަސްމިއްޔާތުގައި މަތިވެރިއަށް އުފަން މުޙައްމަދު އިމްރާނު ވެސް ވަނީ އެރަށުގައި ރަނގަޅު ފެންވަރުގެ ކީޕަރުން އުފެއްދުމަށް ހާއްސަ މަސައްކަތެއް ކުރާނެކަން ފާހަގަކޮށް، އެރަށުން 10 ކީޕަރަކު މުޅިން އަލަށް ރާއްޖޭގެ ފުޓުބޯޅައަށް ނެރެދޭނެކަމަށް ބުނެފައެވެ.
އިމްރާން އަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ވެލެންސިޔާ، މާޒިޔާ، ވިކްޓްރީ، ޓީސީ އަދި މިލަންދޫ ޓީމަށްވެސް ކުޅެފައިވާ ގޯލު ކީޕަރެކެވެ. މީގެ އިތުރުން އޭނާ ވަނީ 2019 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ސީނިއަރ ގައުމީ ފުޓުބޯޅަ ޓީމުގެ ދެވަނަ ގޯލު ކީޕަރުގެ މަގާމުވެސް އަދާކޮށްފައެވެ.