ޚަބަރު

ހިޔާ ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި އިތުރު ޑަސްބިން ބަހައްޓައިފި


ހިޔާ ފްލެޓްތަކުގެ ގޭބިސީތަކުން އުފެދޭ ކުނިވާޒާތުގެ ކުނި އެޅުމަށް އިތުރު ޑަސްބިންތަކެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބަހައްޓައިފިއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ހިޔާ ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި އިތުރު ޑަސްބިން ބަހައްޓާފައިވަނީ، އެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށާއި، ސަރަޙައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ފަސޭހަކުރުމުގެގޮތުން ކަމަށެވެ.

ގޭބިސީތަކުން އުފެދޭ ކުނިވާޒާތުގެ ކުނި އެޅުމަށް ޚާއްސަ 30 ޑަސްބިނެއް މީގެކުރިން އެޗް.ޑީ.ސީން ވަނީ ބަހައްޓާފައެވެ. އެފަހަރު ޑަސްބިންތައް ބަހައްޓާފައިވަނީ ހިޔާ-05، ހިޔާ-08، ހިޔާ-09، ހިޔާ-12، ހިޔާ-13 އަދި ހިޔާ-16 ޓަވަރު ހިމެނޭ ސަރަޙައްދެވެ. ނަމަވެސް އެ ޑަސްބިންތައް ފުރި، ޑަސްބިނުން ބޭރުގައިވެސް ކުނި ބަހައްޓާކަން ފާހަގަކުރެވިފައިވާތީ މިހާރު އިތުރު 30 ޑަސްބިނެއް ހަމަ އެ ސަރަޙައްދުތަކުގައި ވަނީ ބަހައްޓާފައެވެ.


މި ޑަސްބިންތަކަށް އެއްކުރާ ކުނި، ވެމްކޯއިން ކޮންމެ ދުވަހަކުވެސް އަންނަނީ އުކާލަމުންނެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވާން ފެށުމާއެކު، ކުނީގެ މައްސަލަ އެޓަވަރުތަކުގައި ވަނީ އިތުރުވެފައެވެ. އަލަށް އިތުރު ކުރި ޑަސްބިންތަކާއެކު މިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެޗްޑީސީން ވަނީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެ ޓަވަރަކާއި އެންމެ ގާތް ސަރަޙައްދެއްގަ ބަހައްޓާފައިވާ ޑަސްބިންތަކަށް ކުނި އަޅަމުން ދިއުމަށް އަންގާފައެވެ. މި ސަރަޙައްދުތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:00 ދެމެދުގެ ވަގުތުގައެވެ. އެހެންކަމުން ފްލެޓްގައި ދިރިއުޅޭ މީހުންނާއި މަސައްކަތް ކުރަމުންދާ މީހުން ގަޑިއަށް ސަމާލްކަންދީ ކަނޑައެޅިފަވާ ވަގުތުގެ ކުރިން ޑަސްބިންތަކަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަދި ހިޔާ ފްލެޓްގެ އެއްވެސް ތަނެއްގެ އެތެރޭގައާއި، ފްލެޓް ހިމެނޭ ސަރަޙައްދުތަކުގަވެސް ގޭބިސީން އުފެދޭ ކުނި ނުބެހެއްޓުމަށް ފްލެޓްތަކުގެ ވެރިންނަށް ވަނީ އަންގާފައެވެ. އަދި ފްލެޓްތައް ހިމެނޭ ސަރަޙައްދަކީ ސާފު، ދުޅަހެޔޮ ތަނަކަށް ހެދުމުގައި އެންމެންގެ އެއްބާރުލުން ދިނުމަށް އެޗްޑީސީން އެދެއެވެ.