އަހަރުތެރޭގެ ކޮންމެ ދުވަސްވަރެއްގައިވެސް ޢުމްރާއަށް ދެވޭނެ ފަސޭހަ އިންތިޒާމްތަކަކާއެކު ޚާއްސަ ޕެކޭޖްތަކެއް ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނިން ތަޢާރަފުކޮށްފިއެވެ. އެކުންފުނިން ވަނީ ޢުމްރާގެ އަޅުކަމަށްދާން ބޭނުންވާ މީހުންނަށް ޚާއްސަ 7 ޕެކޭޖެއް ތަޢާރަފުކޮށްފައެވެ.
މި ޕެކޭޖްތައް އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ ޗެއަރމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެކުންފުނީގެ މައިގަނޑު އަމާޒަކީ ޢުމްރާގެ އަޅުކަން އަދާކުރަން ދިއުމަށް އަމިއްލަ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންގޮސް، މި ޚިދުމަތް އިތުރަށް ފުޅާކުރުންކަމަށެވެ. އަދި ސީޒަނަލް ޢުމްރާތަކުގެ އިތުރުން، ކުންފުނިން ޢުމްރާއަށް ދާ ދުވަހަކަށް އިންތިޒާރު ނުކޮށް، ޢުމްރާއަށް ދާން ބޭނުންވާ މީހާއަށް، ވަގުތުވާއިރަކުން އޭނާއަށް ދެވޭގޮތަށް ޚިދުމަތްތައް ލިބޭނެ އިންތިޒާމު ފަހިކޮށްދޭން ނިންމާފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ރާއްޖޭގައި އާއްމުކޮށް ޢުމްރާއަށް މިދަނީ ސީޒަނަލް ގޮތެއްގައި ރަމަޟާން ޢުމްރާ ނޫނީ މާރިޗުމަހުގެ ނޫނީ ޑިސެމްބަރު ޢުމްރާ މިގޮތަށް. ޢުމްރާއަށް ދާން ބޭނުންވާ މީހުން ތިބެން މިޖެހެނީ އެ ސީޒަނެއް އަންނަންދެން. ރަމަޟާން މަސް އަންނަންދެން، ޑިސެމްބަރުމަސް އަންނަންދެން. އެކަމު އަޅުގަނޑުމެން މި ގެންނަ ބަދަލުތަކުގެ ތެރެއިން މިބަލަނީ ޢުމްރާއަށްދާން ބޭނުންވާ މީހާއަށް ވަގުތުވީމަ އަޅުގަނޑުމެން އެމީހާ ޢުމްރާއަށް ގެންގޮސްދެން. މި ތަފާތު. އެގޮތުން އަޅުގަނޑުމެން މިވަނީ ތަފާތު އެކިއެކި ޕެކޭޖްތައް ތަޢާރަފުކުރަން ފަށާފައި" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ ޗެއަރމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެކުންފުނިން ފޯރުކޮށްދޭ އެންމެ މުހިއްމު އެއް ޚިދުމަތަކީ ވިސާ ޖަހައިދިނުމުގެ ޚިދުމަތްކަމަށެވެ. އެގޮތުން އެކުންފުންޏަކީ އަމިއްލައަށް ވިސާ ޖަހައިދިނުމުގެ ފުރުޞަތު ފަހިވެފައިވާ އަދި އަޔާޓާގައި ރަޖިސްޓަރވެފައިވާ ކުންފުންޏެއްކަމަށާއި، އެއީ ވަރަށް މަދު ކުންފުންޏަކަށް ލިބޭ ފުރުޞަތެއްކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
ޤިބްލަ ކުންފުނިން ތަޢާރަފުކުރި ޢުމްރާ ޕެކޭޖްތަކުގެ ތެރޭގައި ވީއައިޕީ ޢުމްރާ ޕެކޭޖް، ފެމިލީ ޕެކޭޖް، ޔޫތު ޕެކޭޖް، ސްޓޫޑެންޓް ޕެކޭޖް، އައިލެންޑް ޕެކޭޖް، ކޯޕަރޭޓް ޕެކޭޖް، ސީޒަނަލް ޢުމްރާ ޕެކޭޖް އަދި ހަނީމޫން ޕެކޭޖް ހިމެނެއެވެ. އެކުންފުނިން ވަނީ އެމީހަކު ހުރި ރަށެއްގައި ހުރެގެން އޮންލައިންކޮށް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޢުމްރާއަށް ރަޖިސްޓަރވެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.