ޚަބަރު

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރީ މިދިޔަ ޑިސެމްބަރުމަހު


ރާއްޖެއަށް މިހާތަނަށް އެއް މަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ މިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް 4.45 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށެވެ. މިއީ އެއް މަހެއްގެތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވާ މަހަށްވާއިރު، މިއަދަދަކީ 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް އެތެރެކޮށްފައިވާ 2.5 ބިލިއަން މުދަލާއި އަޅާ ބަލާއިރުވެސް %78 އިތުރު އަދަދެކެވެ.

މިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާ އާއި އޮމާންއިންނެވެ. އެގޮތުން ޔޫ.އޭ.އީއިން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 575 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާއިން 504 މިލިއަން ރުފިޔާގެ މުދާ އަދި އޮމާންއިން 487 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ތެލުގެ ބާވަތްތަކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރުމަހު ރާއްޖެއަށް 935 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވެއެވެ. އަދި 816 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެމަހު ރާއްޖެއަށް އެތެރެކޮށްފައިވާއިރު، 777 މިލިއަން ރުފިޔާގެ މެޝިނަރީއާއި އިލެކްޓްރިކް ސާމާނު ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2020ވަނަ އަހަރުގެ ޑިސެމްބަރުމަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބިފައިވަނީ 296 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ ޑިސެމްބަރުމަހު މިޢަދަދުވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 23 އިންސައްތަ އިތުރު އަދަދެކެވެ.