ޚަބަރު

ޤައިދީން މާލެ ނުގެނެސް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ


ޤައިދީން މާލެ ނުގެނެސް ޑޮކްޓަރުންނަށް ދެއްކުމުގެ އެއްބަސްވުމެއްގައި އައިޖީއެމްއެޗްއާއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސޮއިކޮށްފިއެވެ.

ޤައީދީންނަށް ސްޕެޝަލިސްޓް ޑޮކްޓަރުން މެދުވެރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ މި އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ.

ޤައިދީންނާއި ބަންދު މީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، އެ ފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމެއްކަމަށް ކަރެކްޝަނުން ބުނެއެވެ. މިގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުންގެ ތެރެއިން ޢާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުންހުރި ސްޕެލިސްޓުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްޙީ ފަރުވާ ފޯރުކޮށްދިންކަމަށް އެމްސީއެސްއިން ވިދާޅުވެއެވެ.

މި ފަހުމްނާމާގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި، ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ޤައިދީންނާއި ބަންދު މީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް އެމްސީއެސްއިން ފާހަގަކުރެއެވެ. އަދި ކޯވިޑް-19ގެ މި ޙާލަތުގައި އެމްސީއެސްގެ އަމާޒަކީ ޤައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުންކަމަށްވެސް އެމްސީއެސްއިން ވިދާޅުވެއެވެ.