ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިހާދާއި ހުޅަނގުގެ ޤައުމުތަކުން އަޅަމުންދާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ރަޝިޔާގެ ބައެއް ބޭންކުތައް، ސްވިފްޓް ނެޓްވޯކުން ވަކިކުރަން ނިންމައިފިއެވެ.
ވިލާތުގެ އިއްތިހާދާއި، ޖަރުމަންވިލާތާއި، ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި، ކެނެޑާއާއި، އިޓަލީ، އަދި އެމެރިކާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކަށް ބޭނުންކުރާ ސްވިފްޓް ވިއުގައިން ރަޝިޔާގެ ބައެއް ބޭންކުތައް ވަކިކުރުމަށް ނިންމާފައިވާކަމަށެވެ. މި ބޭންކުތަކުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް އެކި ޤަައުމުތަކުން ފިޔަވަޅުއަޅާފައިވާ ރަޝިޔާގެ ބޭންކުތައް މި ލިސްޓުގައި ހިމެނޭނެކަމަށް އޮފިޝަލުން ހާމަކުރައްވައެވެ.
މި ނިންމުމާއި ގުޅިގެން ސްވިފްޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިލާތުގެ މުޢައްސަސާތަކާއި ގުޅިގެން ވަކިކުރުމަށް ނިންމާފައިވާ ބޭންކުތަކުގެ މަޢުލޫމާތު ދެނެގަނެ، ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.
ޤައުމުތަކުގެ ބަޔާނުގައި ބުނެފައިވާގޮތުން ރަޝިޔާއާއި ދެކޮޅަށް އިތުރަށް އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ރަޝިޔާގެ މަރުކަޒީ ބޭންކުގެ ފައިސާ، ދައުރުނުކުރެވޭގޮތަށް ހިފެހެއްޓުން ހިމެނެއެވެ.މި ނިންމުމުގެ ސަބަބުން މަރުކަޒީ ބޭންކުގެ ފޮރިން ރިޒާވުގައި ހުރި 640 ބިލިއަން ޑޮލަރު ހިފެހެއްޓިގެންދާނެއެވެ. މި ފައިސާގެ ބޮޑު އިންސައްތައެއް ހުރީ ހުޅަނގުގެ ބޭންކުތަކުގައިކަމަށް ރިޕޯޓުތައް ބުނެއެވެ.
މަރުކަޒީ ބޭންކު މެދުވެރިކޮށް ބައިނަލްއަޤްވާމީ މުޢާމަލާތްތައް ނުކުރެވުމުގެ ސަބަބުން މިހާރު ފިޔަވަޅު އަޅާފައިވާ ރާޝިޔާގެ މުއްސަނދިންގެ އިތުރުން ޢާއްމު ރައްޔިތުންނަށްވެސް ތަކުލީފުތަކާއި ކުރިމަތިވާނެ ކަމަށާއި، ރޫބަލް ގެ އަގު އިތުރަށް ވެއްޓި، ރަޝިޔާގެ އިންފްލޭޝަން މަތިވެގެންދާނެކަމަށް ބެލެވިފައިވެއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ވިލާތާއި، އެކުވެރި ޤައުމުތަކުން ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، 2020 ވަނަ އަހަރުގެ މާރިޗުމަހުން ފެށިގެން ދަށަށްގޮސްފައިވާނުވާހާ ރިކޯޑު މިންވަރަކަށް ރޫބަލްގެ އަގު ވަނީ ވެއްޓިފައެވެ. ރިޕޯޓުތައް ބުނާގޮތުން ބުރާސްފަތިދުވަހު ހިއްސާގެ ބާޒާރުގައި މޮސްކޯގެ އެކްސްޗޭންޖް އެންޑް ކޮމްޕޮސިޓް އިންޑެކްސް ވަނީ 30 އިންސައްތައަށްވުރެ ދަށަށް ވެއްޓިފައެވެ. އަދި ރޫބަލް ގެ އަގު ވެއްޓުމުން ޑޮލަރު ގަންނަން ލިބޭ އަގު މިހާރު ހުރީ 17 އިންސައްތަ މައްޗަށްޖެހިފައިކަމަށް ޔޫރަޕުގެ އޮފިޝަލުން ހާމަކުރައްވައެވެ. މި ޙާލަތުގައި މަރުކަޒީ ބޭންކުގެ ފައިސާ ހިފެހެއްޓުމާއި، ސްވިފްޓް ވިއުގައިން ބައެއް ބޭންކުތައް ކަނޑާލުން ވެގެންދާނީ ރަޝިޔާގެ ތާރީޚުގައިވެސް އެ ޤައުމާއި ދެކޮޅަށް އެޅޭ އެންމެ ގެއްލުން ބޮޑު ފިޔަވަޅަށް ވެގެންދާނެކަމަށް ޤައުމުތަކުން ދެކެއެވެ.
ވިލާތުގެ އިއްތިހާދާއި، ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް އިތުރަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޔޫކްރެއިންގައި ހަނގުރާމަކުރުމަށް ރަޝިޔާއަށް ވާގިވެރިވާ މީހުންނަށާއި، ތަންތަނަށް ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޟުކުރުމަށް ޓްރާންސް އެޓްލާންޓިކް ޓާސްކްފޯހެއް، އަންނަ ހަފްތާގައި އެކުލަވާލުމަށް ނިންމާފައިވެއެވެ.
ވިލާތުގެ އިއްތިހާދާއި ހުޅަނގުގެ ޤައުމުތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމީހުން ތިބީ ޔޫކްރެއިންގެ ރައްޔިތުންނާއި އެކުގައި ކަމަށެވެ. އަދި ރަޝިޔާއިން ކުރިއަށްގެންދާ ލާއިންސާނީ ޢަމަލުތަކުގެ ބަދަލުގައި ވީހާވެސް ބޮޑަށް ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ.
އެމެރިކާއިން ދެކޭގޮތުގައި ރަޝިޔާއާއި ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މިހާރުވެސް އެ ޤައުމަށް ކުރަން ފަށައިފިއެވެ. އެމެރިކާއިން މަސައްކަތްކުރަމުންދަނީ ޔޫރޯއާއި، ޕައުންޑާއި، ޑޮލަރާއި، ޔެން އިން ރަޝިޔާއަށް މުޢާމަލާތް ނުކުރެވޭގޮތް ހެދުމަށެވެ. އެގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުން ރަޝިޔާގެ މައިގަނޑު 5 ބޭންކެއްގެ މުޢާމަލާތްތައް ހުއްޓުވާފައިވާއިރު، ރަޝިޔާގެ އިތުރު މީހުންނަށާއި، ވިޔަފާރިތަކަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.