ޚަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފި


މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ބޮޑުކޮށްފިއެވެ. މިފްކޯއިން ވިދާޅުވީ މިއަދުން ފެށިގެން މިފްކޯގެ ސެންޓަރުތަކުން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ކިލޯއެއް 17 ރުފިޔާއަށް ކަމަށެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން ބޮޑުކޮށްފައިވާއިރު، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެކަމަށް ވިދާޅުވެފައެވެ. އަދި ދެން މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑު ކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ކުރިން ގަންނަމުން އައީ ކިލޯއެއް ސޯޅަ ރުފިޔާއަށް ކަމަށެވެ.

" 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި މި ގަންނަނީ 17 ރުފިޔާއަށް ކުރިން ގަންނަމުން އައީ 16 ރުފިޔާއަށް، އެއީ އައިސް އެޅި، އައިސް ނާޅާ މަސް ގަންނަމުން އައީ 14 ރުފިޔާއަށް، މީގެއަގު މިވަނީ 15 އަށް ބޮޑުކޮށްފައި، " އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ކިލޯއަކުން 1ރ ބޮޑުވުމުން، އެއީ ޓަނަކުން 1000ރ ގެ ބޮޑުވުމެއް ކަމަށެވެ. އަދި ކުރިއަށްއޮތްތާގައި މަހުގެ އަގަށް އިތުރު ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ފާހަގަކުރެއްވިގޮތުގައި މަސް ގަންނަ އަގު ބޮޑު ކުރުމާއި އެކު އެކުންފުނިން މަހުގެ އުފެއްދުންތަކަށް ކުރާ ހޭދަ ބޮޑުވާ ކަމަށެވެ. އެހެން ނަމަވެސް މަހުގެ އުފެއްދުންތަކުގެ އަގަށް ބަދަލެއް އަދި ގެންނަން ނިންމާފައި ނުވާ ކަމަށެވެ.

" ރޯދަމަހަކީ މަހުގެ އުފެއްދުންތަކަށް ޑިމާންޑު ބޮޑުވާ މަހެއް، އެހެން ކަމުން މިފްކޯގެ ވިސްނުމެއް ނެތް މި ދަނޑިވަޅުގައި މަހުގެ އުފެއްދުންތަކުގެ އަގު ބޮޑު ކުރުމުގެއެއް، ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި މިއަހަރު ރޯދަމަހު މަހުގެ އުފެއްދުންތައް ލިބޭނެ،" އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

މިފްކޯގެ އުފެއްދުންތަކަކީ ދިވެހިންގެ މެދުގައި މަޤްބޫލް އުފެއްދުންތަކެކެެވެ. ޚާއްސަކޮށް ރޯދަމަހު މަސްދަޅަށް އޮންނަ ޑިމާންޑު ބޮޑުވާކަން ފާހަގަކުރެވެއެވެ.