ޚަބަރު

މާލޭގައި މާހެފުމުގެ ޙަރަކާތްތައް ބާއްވާނެ ދުވަސްތައް ކަނޑައަޅައިފި


ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގައި މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ދުވަސްތައް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ޢާއްމު ފަރާތްތަކުން މަގު ބަންދުކޮށްގެން މިޙަރަކާތް ކުރިއަށް ގެންދިއުމަށް އެދި ހުށަހެޅި ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ މަޝްވަރާކޮށް ގޮތްތަކެއް ކަނޑައަޅާފައެވެ.

މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މާލޭގެ މައިމަގުތައް ނުހިމެނޭ ގޮތަށް މަގު ބަންދުކޮށްގެން އެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ޢާއްމު ފަރާތްތަކުން މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 25، 26، 29 އަދި 30 ގައި ކަމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ބާއްވަމުންދާ ޙަރަކާތެކެވެ. އެހެންކަމުން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށް އެދި ސިޓީ ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލަންޑަރުން ދައްކަނީ އަންނަ މަހުގެ 2 ވަނަ ދުވަހެވެ.