ޚަބަރު

ކުދި ޤައުމުތަކުގެ ހައްޤުގައި ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެ


ބައިނަލްއަޤްވާމީ ދުނިޔޭގައި ހަވާސާވެފައިވާ ޤައުމުތަކާއި ކުދި ޤައުމުތަކުގެ ހައްޤުގައި ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ ޚަލީލް މިހެން ވިދާޅުވީ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 49 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ތަޤްރީރު ކުރައްވަމުންނެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ކައުންސިލްގެ 49 ވަނަ ދައުރުގެ ރައީސްކަމަށް އާޖެންޓީނާއިން އދ. ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފެޑެރިކޯ ވިލެގާސް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ދައުރުގައި ރާއްޖޭގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭންވެސް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ، ކޯވިޑްގެ ވެކްސިން އެންމެންނަށް ހަމަހަމަކަމާއެކު އަދި އަތްފޯރާ ފަށުގައި ލިބޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށްވެސް ސްޓޭޓް މިނިސްޓަރގެ ތަޤްރީރުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، ރާއްޖެއަކީ ފުރަތަމަ ފަހަރަށް އިންސާނީ ޙައްޤެއްގެ ގޮތުގައި، ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެށްޓެއް އޮތުމުގެ ޙައްޤު ޤަބޫލުކުރުމާ ބެހޭގޮތުން އެޗް.އާރު.ސީ.ގެ ޤަރާރު 48/13 ގެ ލީޑް ކޯ ސްޕޮންސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޤައުމެއްކަން ސްޓޭޓް މިނިސްޓަރ ޚަލީލް ފާހަގަކުރެއްވިއެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ މެކޭނިޒަމްތައް މިހާރަށްވުރެ ފުޅާކޮށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ތެރޭގައި ތަފާތުކުރުންތައް ނައްތާލުމާއި، މުޅި ދުނިޔެ ޝާމިލުވާ ތަނަކަށް ކައުންސިލް ހެދުން މުހިއްމުކަން ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދުނިޔެއިން ހަވާސާވެފައިވާ އަދި އެންމެ ކުދި ޤައުމުތަކާއެކުވެސް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސްޓޭޓް މިނިސްޓަރ ދެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލް ދެއްވި ތަޤްރީރުގައި ޔޫކްރެއިން މަޝްރަޙަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޔޫކްރެއިންގައި އިންސާނީ އެހީގެ ޙާލަތު އިތުރުވަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިންސާނީ އެހީއާބެހޭ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް ސްޓޭޓް މިނިސްޓަރ ގޮވާލެއްވިއެވެ.