ޚަބަރު

ހައިކޯޓުގެ އަމުރެއް ސަސްޕެންޑްކުރި މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ


ހައިކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން މީހަކު ބަންދުކޮށްފައި ވަނިކޮށް، ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ ނިންމުމާ ގުޅޭގޮތުން ނޫސްބަޔާން ނެރުނު މެޖިސްޓްރޭޓްގެ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަދީޢުއްދީން އަޙްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަދީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް ނިންމާފައިވާކަމަށެވެ.

އެ މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީއެއްވެސް ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ.

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ ސ. ހިތަދޫ މަންދޫބުގޭ، ރުޝާން އަހުމަދު ދީދީ ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އެ އަމުރު ސަސްޕެންޑްކޮށް، އެ މީހާ ދޫކޮށްލަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުކުރީ މެޖިސްޓްރޭޓް ރަދީޢުއްދީން އަޙްމަދުއެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން މަތީ ކޯޓެއްގެ ނިންމުމެއް ބާތިލްކުރުމާއި ސަސްޕެންޑް ކުރުމުގެ ބާރަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ. ދަށު ކޯޓަށް އޮތް ގޮތަކީ މަތީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމެވެ. މިމައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީންވެސް ވަނީ ނިންމާފައެވެ.