ތަރައްްޤީ

އެސްޓީއޯގެ ގޮދަން ފުށް ކާރުޚާނާ ތަރައްޤީކުރާނީ ކުޅުދުއްފުށީގައި: އަމްރު


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯގެ ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގައިކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ބޭނުންވާ ބިން ކުޅުދުއްފުށީން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ގޮދަންފުށް ކާރުޚާނާއެއް ރާއްޖޭގައި ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރަށް ކަށަވަރުކޮށް ކާޑުގެ ބާވަތްތައް ރާއްޖެއެތެރެކުރުމަށް ކުރާ ޚަރަދު ކުޑަކުރުމެވެ. ރާއްޖެއަކީ ގޮދަންފުށް ހައްދާ ޤައުމަކަށްނުވާތީ، އެސް.ޓީ.އޯއިން މިކަން ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވީ، އެކުންފުނީގެ ގޮދަންފުށް ކާރުޚާނާ ޤާއިމުކުރުމަށް ކުޅުދުއްފުށި ޚިޔާރުކުރީ އެރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބުކަމަށްވެފައި، އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށްވުމުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުޅުދުއްފުށީ ކައުންސިލާއި މިދިޔަ ހަފްތާގައި އެރަށަށްގޮސް ބައްދަލުކޮށްފިން. ކުޅުދުއްފުށީ ކައުންސިލުން ވަރަށް ބޮޑަށް މަރުޚަބާކީ އިނގޭތޯ އެކަމަށް. އަޅުގަނޑުމެން ވަރަށް އުފާކުރަން އެކަމާ. އެކަމުގެ ސަބަބުން ކުޅުދުއްފުއްޓަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ. ބައިވަރު ވަޒީފާ އުފެދިގެންދާނެ. އަދި އޭގެ އިތުރުން އެކަހަލަކަމެއް އަޅުގަނޑުމެން ކުރީމާ އޭގެ ސަބަބުން އިތުރު ވިޔަފާރިތަކެއް އެބަހުޅުވިގެންދޭ. އެއީ ލޮޖިސްޓިކްސް ވިޔަފާރިއާއި އަނެއްކާ އެތަން ވާނީ މުޅިރާއްޖެއަށް ފުށް އުފައްދައިދޭ ކާރުޚާނާއަކަށް. އެހެންވީމަ ދޯނިފަހަރުވެސް ހަމަ އެތަނަށް ވަރަށް ގިނަ އަދަދަކަށްދާނެ" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭތަކުގެ މަސައްކަތް ނިމި އެކަމަށް ބޭނުންވާ ފަންޑުވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ބިން ހަވާލުކުރެވޭ ހިސާބުން އަޅުގަނޑުމެން މަސައްކަތް ފަށާނަން. އެ ލެވެލްއަށް އަޅުގަނޑުމެން ތައްޔާރުވެފައި މިތިބީ. އަޅުގަނޑުމެން ފައިނޭންސްވެސް ހޯދައިފިން. އަޅުގަނޑުމެން އެކަން ކުރާނެ ޕާޓީއެއްވެސް ހޯދައިފިން. ޓެކްނިކަލް ހުރިހާ ސްޓަޑީއެއްވެސް މިހާރު ހެދިއްޖެ. އެހެންވީމަ ދެން އޮންނާނީ ހަމަ އަމަލީ މަސައްކަތް ފެށުން. ކުޅުދުއްފުށީ ކައުންސިލުން ވަރަށް ބާރަށް މިހާރު އެބަ ގެންދަވާ އެ މަސައްކަތް. އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންނަށް ބިން ލިބޭއިރަށް އެކަން ކުރާނެ" އަމްރު ވިދާޅުވިއެވެ.

ރާއްޖޭން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާގިނަ ދުވަހު ބެހެއްޓޭނެ ފުށެއްނޫންކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ. އަދި އެތަކެތި ބެހެއްޓުމަށްޓަކާއި ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވާކަން އެކުންފުނިން ފާހަގަކުރެއެވެ.

އެހެންކަމުން މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނަކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް މި ކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ.