ޚަބަރު

"ޝަހީދުވި އަބުޠާލުންގެ، އަމާނާތްތެރިކަމުން ނަމޫނާ ލިބިގަންނަންޖެހޭ"


ދިވެހި ޤައުމަށްޓަކައި ޝަހީދުވެދިޔަ އަބުޠާލުން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރުބާނީއާއި، ޤައުމަށްޓަކައި ދެއްކެވި އަމާނާތްތެރިކަމުން އިބުރަތް ޙާސިލްކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ގޮވާލައްވައިފިއެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވީ މިޤައުމަށްޓަކައި، ޝަހީދުވެދިޔަ އަބުޠާލުންގެ ޤުރުބާނީއާއި ހިތްރުގެ ވާހަކަ، ތާއަބަދު ދައްކަން ޖެހޭކަމަށެވެ. އެބޭފުޅުން ވެވަޑައިގެންނެވި ގުރުބާނީއާއި ޤައުމަށްޓަކައި ދެއްކެވި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، މިއަދު ދިވެހި ކޮންމެ ދަރިވަރަކުވެސް އަދި ރައްޔިތުންވެސް ނަމޫނާ ލިބިގަންނެޖެހޭ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުގެ ދުނިޔޭގައި ހަނގުރާމައަކީ ލޮންސިއާއިކަނޑި ބަޑިން ކުރާއެއްޗެއް ނޫންކަމަށާ، ހަނގުރާމަކުރާމަ ކުރުމާއި، ޤައުމެއް ހިފަން ބޭނުންވާ އުކުޅުތައްވެސް މިއަދު ވަރަށްބޮޑަށް ތަފާތުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާޒީގައި ދިވެހި ޤައުމު އަޅުވެތިކަމަށް ދިޔަ ކޮންމެ ފަހަރަކުވެސް ދިޔައީ ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ޚިޔާނާތްތެރިވުމުންކަން ހަނދާކޮށް ސަމާލުވެ ތިބުމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތާޜީކުގެ ތެރެއިން ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އެކިއެކި އަބުޠާލުން ޝަހީދުވި ޙާދިސާތަކަށްވެސް މިނިސްޓަރ ވަނީ އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ހާދިސާއާއި މިނޫންވެސް އެކި ހާދިސާތަކަށް ތަފްސީލީ ގޮތެއްގައިވަނީ އަލި އަޅުއްވާލާފައެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ހިނގައިދިޔަ އެކި ހާދިސާތަކުގައި ޝަހީދުވި އަންހެން ކަނބަލުންގެ ނަންތައްވެސް މިފަދަ ޖަލްސާތަކުގައި ހާމަކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން އަލިރަސްގެފާނުގެ އަނބިކަބަލުން ކަނބާއައިސާ ރަނި ކިލޭގެ ފާނު ޝަހީދު ކޮށްލި ހާދިސާއަށްވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ. އެކަމަނާ މިޤައުމަށް ވެވަޑައިގެންނެވި ޤުރުބާނީއަކީވެސް ދިވެހި ކަނބަލުންނާއި ދިވެހި ޤައުމު ފަޚުރުވެރިވާ ޖިހާދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވީ ފުވައްމުލަކު ސިޓީގައެވެ. މިޖަލްސަގައި ވަނީ މިދުވަހާ ގުޅިގެން ފުވައްމުލަކު ސިޓީގައި ވޭއްވި ތަފާތު އެކި މުބާރަތްތަކުން ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ އިނާމުވެސް ދެއްވާފައެވެ.

ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.