ޚަބަރު

މިނިސްޓްރީން ކަނޑައަޅާފައިވާ އަގާއި ޚިލާފްވާނަމަ ފިޔަވަޅު އަޅާނަން: ޓްރާސްޕޯޓް


ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގު ނަގާނަމަ އެ ޓެކްސީއަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް 14 ޓެކްސީ ސެންޓަރަކުން ރޭ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އަދި މި ނިންމުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެކަމަށް ވަނީ ބުނެފައެވެ.

މިނިންމުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޓެކްސީތަކުން ނަގާ އަގު ބޮޑުކުރުމަށް އަމިއްލައަށް ނިންމިއިރު، މިފަދަ ކަމަކާއި ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީއާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވެސް ނުވެއެވެ.