ޚަބަރު

ފެބުރުއަރީމަހު ފެމެލީ ކޯޓުގައި 253 ކައިވެނި، 181 ވަރި


މިއަހަރުގެ ފެބުރުއަރީމަހަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކައިވެނި ކުރެވުނު އެއްމަހެވެ. މިދިޔަ މަހު ފެމެލީ ކޯޓުގައި 253 ކައިވެންޏެއް ވަނީ ކޮށްފައެވެ.

ފެމެލީ ކޯޓުން މިދިޔަ މަހުން ފެށިގެން ކޮންމެ މަހެއްގެ ތަފާސް ހިސާބު އާންމު ކުރުމަށް ވަނީ ނިންމާފައެވެ. އެކޯޓުން ބަލަމުންދާ މައްސަލަތަކާއި، ނުނިމުހުރި މައްސަލަތަކުގެ ތަފާސް ހިސާބުވެސް މިދިޔަ މަހުން ފެށިގެން ގެންދަނީ އާންމު ކުރަމުންނެވެ. މިދިޔަ މަހުގެ ފެމެލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެކޯޓުގައި 253 ކައިވެނި ކޮށްފައިވާއިރު ފެބްރުއަރީ މަހު ކުރެވުނު ވަރީގެ އަދަދު 181 އަރައެވެ.

ފެމެލީ ކޯޓުގެ އާއިލީ މައްސަލަތައް ހައްލު ކުރުމާއިބެހޭ ބައިން ވަނީ މިދިޔަމަހު 25 މައްސަލައެއް ނިންމާފައެވެ. އަދި ކުދިންނާއި ގުޅުންހުރި 7 މައްސަލައެއްވެސް ވަނީ މިދިޔަ މަހު ނިންމާފައެވެ. އޭގެ ތެރޭގައި، ކުދިންގެ ޤާނޫނީ ބެލެނެވެރިކަން ކުރާނެ ފަރާތާއި ހަވާލުކުރި 3 މައްސަލައަކާއި، ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ 3 އަމުރެއްވެސް ވަނީ ނެރެފައެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި ޚަޟާނަތުގެ މައްސަލައެއްވެސް ވަނީ ނިންމާފައެވެ.

ފެބުރުއަރީ މަހު ނިންމި އާއިލީ އެހެނިހެން މައްސަލަތަކަށް ބަލާއިރު ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން 45 މައްސަލައެއް ވަނީ ނިންމާފައެވެ. ނިންމި މައްސަލަތަކުގެ ތެރޭގައި މަރު ސާބިތު ކުރުމުގެ 9 މައްސަލައަކާއި، ހުކުމް ތަންފީޒު ކުރުމުގެ 20 މައްސަލައެއްވެސް ހިމެނެއެވެ. އެކޯޓުން ވަނީ މިދިޔަމަހު ޚަރަދާއި ގުޅުންހުރި 12 މައްސަލައެއްވެސް ނިންމަފައެވެ.

މިދިޔަމަހުގެ ނިޔަލަށް ފެމެލީ ކޯޓަށް ވަނީ ގެވެށި އަނިޔާގެ 6 މައްސަލައެއް ހުށަހަޅާފައެވެ. އޭގެ ތެރެއިން ރައްކާތެރިކަމުގެ އަވަސް އަމުރު 4 މައްސަލައެއްގައި ވަނީ ނެރެދީފައެވެ.

މިދިޔަމަހު ފެމެލީ ކޯޓުންވަނީ ވަރިއާއި ގުޅުންހުރި 229 މައްސަލައެއްވެސް ނިންމާފައެވެ. އޭގެ ތެރޭގައި ވަރިވުމަށް ހުށަހެޅުނު 101 މައްސަލައަކާއި، ވަކި ކުރުމަށް ހުށަހެޅުނު 22 މައްސަލައަކާއި، ވަރި ސާބިތު ކުރުމަށް ހުށަހެޅުނު 51 މައްސަލަ ހިމެނެއެވެ.

ފެމެލީ ކޯޓުން ވަނީ މިދިޔަ މަހުން ފެށިގެން އެކޯޓުން ބަލާ މައްސަލަތަކާއި ނިންމާ މައްސަލަތައް ކޮންމެ މަހަކު އާންމު ކުރުމަށް ނިންމާފައެވެ. މިނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ހުރިހާ ކޯޓަކުންވެސް ކުރަން މުހިންމު މަސައްކަތެއްގެ ގޮތުގައި ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.