ޚަބަރު

އައްޑޫ ބިން ހިއްކުމަށް ސަރުކާރުން ހުރަހެއް ނާޅާނެ: ޝައުނާ


އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ކުރިއަށްގެންދިމަށް ނިންމާފައިވާ މަޝްރޫޢު ހުއްޓާ ނުލައްވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެއް ބިިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން އައްޑޫގެ އެކި ދިމާލުން 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.

މިމަޝްރޫޢު ނުފެށި ލަސްވާތީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މިއަދުގެ މަޖިލީހުގެ ބިން ހިއްކުން ލަސްވާ ސަބަބާއި ގުޅޭގޮތުން މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ. ޝަރީފްގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ، އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، ބިމުގެ ދަތިކަމަކީ މިސަރުކާރަށް ވަރަށް ރަނގަޅަށް އެގޭ ހައްލު ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ތަރައްގީގެ މަސައްކަތް ކުރާއިރު އެއާ އެއް މިންވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެދާނެ ގޮތަކާއި މެދުވެސް ވިސްނަންޖެހޭކަމަށެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑު އައްޑޫގެ ތަރައްޤީއަށް ހުރަހެއް ނާޅާނަން. އަދި އަޅުގަނޑުމެންގެ ސަރުކަރުންވެސް އައްޑޫގެ ތަރައްޤީއަށް ހުރަހެއް ނާޅާނެ. އައްޑޫގެ ތަރައްޤީއަކީ އަޅުގަނޑު މިދެންނެވި މައްސަލަތައް ހައްލު ކުރެވޭނެ، ގޮތްތަކާއި އަދި މޫސުމަށް މިއަންނަ ބަދަލުތަކާއި އެކީގައި އައްޑޫގެ ރީތިކަމާއި އައްޑޫގެ ވެއްޓާއި، އައްޑޫގެ މާހައުލީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ރައްކާ ކުރެވޭނެ ނިޒާމަކަށް އަޅުގަނޑުން އިސްކަންދޭނަން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫގެ ބިން ހިއްކުމާއިމެދު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަމުގައި އީއައިއޭގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ވަރަށް އަވަހަށް ގޮތްތަކެއް ނިންމާވާނެކަމަށެވެ.

މި މަޝްރޫއުއާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސިސްޓަންޓް (އީއައިއޭ) ވަނީ ހަދާފައެވެ. އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުއާ ގުޅޭ އީއައިއޭ ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. އަދި މަޝްރޫއު އެކުލަވާލާފައި އޮތް ގޮތުން އެންމެ ބޮޑު ގެއްލުމެއް ވާނެކަމަށް ބެލެވެނީ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އަތޮޅު ތެރެ ކޮނުމުގެ މަސައްކަތް ކުރަމުންދާއިރުކަމަށް ބެލެވޭކަމަށް ރިޕޯޓްގައިވެއެވެ. ރިޕޯޓުގައިވާ ގޮތުން ބިން ހިއްކުމަށްޓަކައި ވެލި ނެގުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ އެތެރެވަރިންނެވެ.

މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. 2 އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަސައްކަތަށް ގާތްގަނޑަކަށް 70 އާއި 75 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.