ވިޔަފާރި

ޑިސެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ


ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވުމުން
މިދިޔަ ޑިސެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީވެސް ދަށްވެފައިވާ ކަމަށް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ބުނެފިއެވެ.





މީރާ
އިން ނެރުނު ޑިސެމްބަރ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމަހު މީރާއަށް
ލިބުނު އާމްދަނީ އަކީ 976 މިލިއަން ރުފިޔާއެވެ. ނަމަވެސް އެއީ 2014 ވަނަ
އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 2.4 އިންސައްތަ ދަށް ވުމެކެވެ. އަދި އެ އަދަދަކީ އެމުއްދަތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދަށް ވުރެ 9.7 އިންސައްތަ ދަށް އަދަދެއް ކަމަށް މިރާ އިން ހާމަކުރެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީ ދަށްވުމުގެ
މައިގަނޑު ސަބަބަކީ މިދިޔަ ނޮވެމްބަރ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ
ކަމަށް އަންދާޒާކުރި ވަރަށް، ފަތުރުވެރިން ރާއްޖެއަށް އައިސްފައިނުވުމާއި ގުޅިގެން ޓީޖީއެސްޓީ ގެ ގޮތުގައި
ލިބިފައިވާ ފައިސާގެ އަދަދު 19.3 އިންސައްތަ ދަށްވުމާއި،
އެއަރޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު 17.4 އިންސައްތައަށް ދަށްވުމެކެވެ.


މީރާ އިން ބުނީ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އެންމެ
ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޖީއެސްޓީ އިން ކަމަށެވެ. އެގޮތުން ޖީއެސްޓީގެ
ގޮތުގައި 471 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން އެންމެ
ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޓުއަރިޒަމް ލޭންޑް ރެންޓުންނެވެ. އެގޮތުން ޓުއަރިޒަމް
ލޭންޑް ރެންޓްގެ ގޮތުގައި 264.8 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. ޑިސެމްބަރ
މަހު ލިބުނު އާމްދަނީ ދަށްވި ނަމަވެސް 2014 ވަނަ އަހަރު ލިބުނު އާމްދަނީ އާއި އަޅާބަލާއިރު
2015 ވަނަ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު ވަނީ 13.2 އިންސައްތަ އިތުރު ވެފައެވެ. އެގޮތުން 2015 ވަނަ އަހަރު ދައުލަތަށް 13 ބިލިއަން ރުފިޔާ ލިބިފައިވާ އިރު 2014 ވަނަ އަހަރު ލިބިފައި ވަނީ ޖުމުލަ 11.5 ބިލިއަން ރުފިޔާއެވެ.