ޚަބަރު

ކައުންސިލްތަކަށް ދައުލަތް ތަމްސީލް ކުރެވޭނެ: ސުޕްރީމް ކޯޓު


ރަށްރަށުގެ ބިންތަކުގެ މައްސަލަތަކުގައި، ލޯކަލް ކައުންސިލްތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އދ.ފެންފުށީ ބިމެއްގެ މައްސަލާގައި މީހަކު އެކައުންސިލާ ދެކޮޅަށް ދައުވާކުރި މައްސަލައެއްގައެވެ. މިމައްސަލަ ހައިކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ ރަށްރަށުގެ ބިންބިމުގެ މައްސަލަތަކުގައި ވަކާލާތު ކުރެވޭނީ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ކަމުގައެވެ.

މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ސްޕްރީމްކޯޓުން އިއްވި ހުކުމުގައި ވަނީ އަތޮޅުތަކާއި ރަށްރަށް ހިންގުމުގެ އުސޫލަށް، 2008ގައި ތަސްދީގު ކުރި ފެހި ގާނޫނު އަސާސީން ވަރަށްބޮޑު ބަދަލުތަކެއް ގެނެސްފައި ވާކަމަށެވެ. އަތޮޅުތަކާއި ރަށްރަށް ހިންގާނީ މައި ސަރުކާރާއި ވަކިން އޮންނަ އިންތީޚާބީ ކައުންސިލްތަކުން ކަމުގައި ޙުކުމުގައިވެއެވެ.

އެހެންވެގެން ކައުންސިލްތަކުގެ އިޚްތިސާސްގައި ހިމެނޭ ބަންޑާރަ ބިންތަކާގުޅޭގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކައުންސިލްތައް ތަމްސީލުކުރާނީ އެ ކައުންސިލަކުން އަމިއްލައަށްކަމަށާ، އޭގައި ޤާނޫނީ ވަކީލުން ހަމަޖެއްސުމަކީވެސް އެކައުންސިލެއްގެ އަމިއްލަ ކަމެއްކަމަށް ހުކުމުގައިވެއެވެ.

އަދި އެޓާނީ ޖެނެރަލަކީ ސަރުކާރުގެ އެންމެއިސް ވަކީލުކަމަށް ވިޔަސް އެޓާނީ ޖެނެރަލްގެ ފަރާތުން ކައުންސިލްތައް ތަމްސީލު ކުރަންޖެހޭނަމަ އެކަމަކީ ކައުންސިލްތަކުގެ ބާރު ހަނިވެ މަސްލަހަތު ފުށުއަރާފާނެ ކަމެއްކަމަށް އެ ހުކުމުގައިވެއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުޢޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.