ޚަބަރު

ނަފްސާނީ ގެއްލުމުން އަރައިގަތުމަށް އިނާޔަތްތަކާއެކު އެމްޕީއެލްއިން ޗުއްޓީއެއް ދެނީ


ކުއްލި މައްސަލަތައް ނުވަތަ ހާދިސާތަކާއި ގުޅިގެން ލިބޭ ނަފްސާނީ ގެއްލުމުން އަރައިގަތުމަށް 7 ދުވަހުގެ ޗުއްޓީއެއް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ނިންމައިފިއެވެ.

މި ޗުއްޓީ ދިނުމަށް ނިންމާފައިވަނީ ހުރިހާ އިނާޔަތްތައްވެސް ލިބޭގޮތަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

މި ޗުއްޓީ ދޭން ނިންމިކަން އެމްޕީއެލްއިން ހާމަކުރީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑުގައި ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ. މި ޗުއްޓީ ލިބޭ ކަންކަމުގެ ތެރޭގައި މާބަނޑު މުވައްޒަފެއް ބައިގެން ދިއުން، މުވައްޒަފެއްގެ މަންމަ ނުވަތަ އާއިލާގެ މީހަކު ނިޔާވުން ނުވަތަ އަލިފާނުގެ ހާދިސާއަކާ ގުޅިގެން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުވުން ފަދަ ކަންކަން ހިމެނެއެވެ. މިދަ ހާލަތެއްގައި އެ މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ނިންމާފައިވަނީ ޑޮކްޓަރެއްގެ ލިޔުމަކާއެކުކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލަތައް ނުވަތަ ހާދިސާތަކާ ގުޅިގެން ލިބޭ ނަފްސާނީ ގެއްލުމުން އަރައިގަތުމަށް ދޭ ޗުއްޓީއަކީ ޖިންސީ ތަފާތުކުރުމެއް ނެތި ދިނުމަށް ނިންމާފައިވާ ޗުއްޓީއެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވަނީ އެމްޕީއެލްގެ އަންހެން މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ހަވާލުކޮށްފައެވެ. މީގެތެރޭގައި އެ ކުންފުންޏަށް 20 އަހަރަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންނަށްވެސް އެވޯޑް ދީފައިވެއެވެ.

އެމްޕީއެލްއިން ވަނީ އަންހެނުންނަށް ޚާއްސަކޮށްގެން 6 މަސްދުވަހަށް އެޕްރެންޓްޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. މިގޮތުން ޖުމްލަ 7 ކޯހެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ސެޓްފިކެޓް 3 އިން ވެލްޑިން ޓެކްނިކްއާއި ފަރުނީޗަރ ކާޕެންޓްރީއާއި މެރިން މެކޭނިކް ކޯސް ހިމެނެއެވެ. އަދި އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނިންސްއާއި މެކޭނިކަލް ވެހިކަލް ރިޕެއަރ ކޯހާއި މެޝިނިސްޓްގެ އިތުރަށް ހެވީ އޮޕަރޭޓަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.