ޕީ.އެސް.އެމް ކަނެކްޓް މެދުވެރިކޮށް ޓެލެވިޜަން މޯލްޑިވްސްއިން އެކި ދުވަސްވަރު ގެނެސްދީފައިވާ ތަފާތު އުފެއްދުންތައް ބެލުންތެރިންނަށް ވަރަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ޓީވީއެމުން އެކި ޒަމާންތަކުގައި ގެނެސްދީފައިވާ ޕްރޮގްރާމްތަކާއި ދިވެހި ފިލްމާއި، ޑްރާމާ ސިލްސިލާތައް ޕީ.އެސް.އެމް ކަނެކްޓުން ބަލާލެވޭނެއެވެ. ދެން މި ބަލާލަނީ ޕީ.އެސް.އެމް ކަނެކްޓުގެ މިހަފްތާގެ ބެސްޓް 5 ޕިކްސްގެގޮތުގައި ބެލުންތެރިންގެ އެންމެ ބޮޑު މަޤުބޫލުކަމެއް ލިބުނު އުފެއްދުންތަކަށެވެ.
"އަސްލު ވިޔަފާރިވެރިން" މި ޕްރޮގްރާމަކީ ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ޙާއްސަކޮށްގެން ޓީ.ވީ.އެމުން ގެނެސްދޭ ޕްރޮގްރާމެކެވެ. ވިޔަފާރީގެ ދާއިރާއަށް ނިކުންނަށް ބޭނުންވާ ފަރާތްތަކަށް ހިތްވަރު ލިބޭފަދަ ތަފާތު ޝަޢުގުވެރި ވާހަކަތަކެއް މި ޕްރޮގްރާމުން އަންނަނީ ގެނެސްދެމުންނެވެ.
ދިވެހި ޑްރާމާ ސިލްސިލާ "ފަހުފިޔަވަޅު" މިއީ ބޮޑު ސްޓަރކާސްޓެއް ހިމެނޭހެން އުފައްދާފައިވާ ސިލްސިލާއެކެވެ.
ލޯބީގެ ތަފާތު ކަންތައްތަކެއް ގެނެސްދިން މި ޑްރާމާއަކީވެސް ބެލުންތެރިންގެ މެދުގައި މަޤުބޫލުވި ޑްރާމާއެކެވެ. މި ޑްރާމާގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ޝީލާ، ޒިޔާ، ޝީރީން، ވަލީދާ، ހާޖަރާ ހިމެނެއެވެ.
"ފްލޯކް ދި އިންޓަރނޭޝަނަލް" މި ޕްރޮގްރާމަކީ ޓީ.ވީ.އެމްގެ 40 އަހަރަށްވުރެ ދިގު ތާރީޚުގައި ބެލުންތެރިންނަށް މިހާތަނަށް ގެނެސްދިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަޤުބޫލުކަން ލިބިގެންދިޔަ އެއް ޕްރޮގްރާމެވެ.
ސޭކުސްތާނުގައި ހިނގާ އެކި ކަންކަމުގެ މަޢުލޫމާތު ޚަބަރެއްގެ ސިފައިގައި ގެނެސްދޭ މި ޕްރޮގްރާމުން ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ދައްކުވައިދެއެވެ. މިއީ ޓީ.ވީ.އެމްގެ އާކައިވުން މިހާރުވެސް އެންމެ ގިނަ ބަޔަކު ބަލާލަން ޝަޢުގުވެރިވާ އެއް ޕްރޮގްރާމެވެ.
"ގެވެށި ގުޅުން : ސާސްތުރަ" އަކީ ދުޅަހެޔޮ އާއިލާއަކާއި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކޮށް، ގެވެށި އަނިޔާއާގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ގެނެސްދޭ ޚާއްސަ ޕްރޮގްރާމެކެވެ.
މިއީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން ޖެންޑަރ މިނިސްޓްރީން 2020 ވަނަ އަހަރު ފެށި "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ގެނެސްދޭ ޕްރޮގްރާމެކެވެ.
ދިވެހި ފިލްމް "ހިތް ރޮއްވާނުލާ"އަކީ 2009 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމެކެވެ. ދެކެދެކެވެސް ޕްރޮޑަކްޝަނުން ނެރުނު މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީޢު، ނިއުމާ މުޙައްމަދު އަދި ޢަބްދުﷲ މުޢާޒު ހިމެނެއެވެ. ޔޫއްޕެ ޑައިރެކްޓްކުރި މި ފިލްމާ އެއްވަރަށް ފިލްމުގައި ހިމެނޭ ލަވަތަކަކީވެސް ގިނަ ބަޔަކަށް ކަމުދިޔަ ލަވަތަކެކެވެ.