ޚަބަރު

ހަނގުރާމަވެރި ސަރަހައްދުތަކުން ގެންނަ ކުދިންގެ އެސެސްމަންޓް 20 ދުވަހުގެތެރޭގައި ހަދަންޖެހޭ


ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ގޮސް އަބުރާ ރާއްޖެ ގެންނަ ކުދިން ބަންދުކުރުމަށް ފަހު 20 ދުވަހުގެ ތެރޭގައި އެސެސްމަންޓް ހަދަން ޖެހޭ ގޮތަށް ގަވާއިދު އިސްލާކޮށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.

އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ޚާއްޞަ އިޖުރާއަތުތަކާބެހޭ ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރާ އު މުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ ރިސްކް އެސެސްމަންޓް، އެ ކުދިން އިދާރީ ބަންދުގެ މަރުކަޒަށް ގެނެވޭތާ ގިނަވެގެން ދުވަހުގެ ތެރޭގައި ފުލުހުން ހަދަންވާނެ ކަމަށެވެ. ނަމަވެސް އުމުރުން ތިން އަހަރު ނުފުރޭ ކުދިން ރިސްކު އެސެސްމަންޓް ހަދާކަށް ނުޖެހޭނެއެވެ.

ބަންދުކުރާ ކުއްޖާއާ ގުޅޭ ގޮތުން ހަދާ އެސެސްމަންޓްގައި އެ ކުއްޖާ އެފަދަ ޕްރޮގްރާމްތައް ފުރިހަމަކުރަން ޖެހޭ ކަމަށް ކަނޑައަޅައިފި ނަމަ އެ ޕްރޮގްރާމް ފުރިހަމަވަންދެން އެ ކުއްޖަކު ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ. ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ކުޑަކުދިން މައިންބަފައިންނާ ވަކި ކުރަންޖެހޭ ހާލަތުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ވަކިކުރެވުނު ނަމަވެސް، އެފަދައިން ވަކިކުރެވޭ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ގުޅުން ބޭއްވުމަކީ އެ ކުދިންގެ މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކުރާނެކަމެއް ކަމުގައި ނުވާނަމަ، މައިންބަފައިންނާ ގަވާއިދުން ގުޅުން ބާއްވަމުން ދިޔުމުގެ ޙައްޤު އެ ކުދިންނަށް ލިބިދިނުމަށް ޓަކައި، ކަނޑައެޅޭ އުސޫލެއްގެ މަތިން، އެ ކުދިންގެ މައިންބަފައިން ތިބޭ މަރުކަޒުގައި، މަރުކަޒުގެ މުވައްޒަފެއްގެ ހާޒިރުގައި، ނުވަތަ މަރުކަޒުން ކަނޑައަޅާ އެހެން ފަރާތެއްގެ ހާޒިރުގައި، އެ ކުދިން، އެ ކުދީންގެ މައިންބަފައިންނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހަނގުރާމަވެރިންގެ މައްޗަށް ހިންގާ ހާއްސަ އިޖުރާތްތަކާ ބެހޭ ގަވައިދަށް އިސްލާހު ގެނައިރު ރާއްޖެއިން ބޭރުގައި ހިނގަމުންދިޔަ ހަނގުރާމައެއްގައި ބައިވެރިވުމަށް ގޮސް އުޅުމުގެ ތެރޭގައި ހާލުގައި ޖެހިގެން ރާއްޖެ ގެނައި އާއިލާ، އިދާރީ ބަންދެއްގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުންވަނީ އަމުކޮށްފައެވެ.

ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ޙާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ގެނައި އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ. އެ އަންހެން މީހާ މީގެ އަހަރުތަކެއް ކުރިން ހަނގުރާމައަށް ދިޔައީ އޭނާގެ ފިރިމީހާއާއި ދެ ދަރިން ގޮސްވައިގެންނެވެ. އޭނާ ހަނގުރާމައަށް ގޮސް ހުއްޓާ ވަނީ އިތުރު 2 ކުދިން ލިބިފައެވެ. އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އެއީ އޭނާގެ ހަލާލު ކުދިންކަމަށެވެ.