ޚަބަރު

ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް ކޯޓުތަކާއި ކައުންސިލްތައް ހުޅުވާފައި ބަހައްޓަން އަންގައިފި


މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލުމަށްޓަކައި 1 އޭޕްރީލް 2022ވާ ހުކުރު ދުވަހުގެ ހަވީރު 5:30އިން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ބެހެއްޓުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގަވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އޭޕްރީލް 1 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވާފައި ބެހެއްޓުމަށާއި، އެ ޑިޕާޓްމަންޓުން ކޯޓުތައް ބަންދުކުރުމަށް އެންގުމުން ނުވަތަ ހަނދާބެހޭ ޤަރާރު އިޢުލާންކުރުމުން ކޯޓުތައް ބަންދުކުރާގޮތަށް ހަމަޖެއްސުމަށް މެޖިސްރޭޓް ކޯޓުތަކަށް އަންގަވާފައެވެ.

ހަނދު ފެނުނުކަމުގެ ހެކިބަސް ދިނުމަށްޓަކާ މީހަކު ނުވަތަ ބަޔަކު އައުމުން އެކަން މަޢުލޫމާތަށްޓަކާ ވަގުތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގެވުމަށާއި، ހަނދު ފެނުނުކަމުގެ ހެކިބަސް ހޯއްދަވާއިރު، ހަނދު ފެނުނުއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިންވަރު ފަދަ މަޢުލޫމާތު ހޯއްދަވައި، ހަނދު ދުށްކަމަށް ބުނާ މީހާ ނުވަތަ ބައެއްގެ ހެކިބަސް ނަންގަވާ މަޙުޟަރު ކުރެއްވުމަށްވެސް އެ ޑިޕާޓްމަންޓުން އަންގަވާފައިވެއެވެ. އަދި ހަނދު ސާބިތުކުރުމުގެ ހެކިބަސް ނެގުމުގެ ކަންތައްތައް ހިނގަމުންދާއިރު ކޮންމެ 30 މިނެޓަކުން އެކަން ހިނގަމުންދާގޮތާބެހޭ މަޢުލޫމާތު އެ ޑިޕާޓްމަންޓާއި ހިއްސާކުރަމުން ގެންދިއުމަށް އެދިފައިވެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކާ ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިފުޅުމަތީގައެވެ.

އެހެންކަމުން އޭޕްރީލް 1 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލް އިދާރާތަކުން ޚިދުމަތް ލިބޭނެގޮތެއްގެ މަތިން އިންތިޒާމްކޮށްދެއްވައި، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަތޮޅު ކައުންސިލް އިދާރާތަކާއި ރަށު ކައުންސިލް އިދާރާތައްވެސް ހުޅުވާފައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގަވާފައިވެއެވެ.